ހުޅުމާލޭގައި ކާރަކާއި ދެ ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
އެކްސިޑެންޓު ހިނގި ސަރަހައްދަށް ވަން އޮންލައިންގެ ނޫސްވެރީން ދިޔަ އިރު، އެ ސަރަހައްދުގައި ލޭ ހުއްޓެވެ. އެކަމަކު އެތަނުން އެއްވެސް މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމެއް އެނގޭ ގޮތެއް ނުވި އެވެ. އޭރު އެ ސަރަހައްދަށް ފުލުހުންނެއް އަދި ނުދެ އެވެ.
މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ނިރޮޅު މަގުގަ އެވެ. ވަންގެ ނޫސްވެރީން ދިޔައިރު އެކްސިޑެންޓުވި ދެ ސައިކަލު ވެއްޓިފައި އޮތެވެ. ކާރުގެ ކުރީކޮޅަށް ވަނީ ގެއްލުންތަކެއް ވެފަ އެވެ. އަދި އެތަނުގައި އަނިޔާވެފައި އޮތް ފިރިހެނަކު އޮތެވެ.
މަންޒަރު ދުށް މީހަކު ''ވަންއޮންލައިން'' އަށް މައުލޫމާތު ދެމުން ބުނީ އެހާދިސާގައި ވެއްޓިފައި އޮތް މީހާ ނަގަން އެތަނުގައި ތިބި ދެ އަންހެނަކު މަސައްކަތް ކުރި ކަމަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުފައިވަނީ އެކްސިޑެންޓެއްގައި އަނިޔާވެގެން ހޮސްޕިޓަލަށް ގެނައި މީހަކަށް ފަރުވާ ދެމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 10:00 ހާއިރު ކަމަށެވެ.
އެކްސިޑެންޓް ހިނގާފައިވަނީ ނިރޮޅުމަގުން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ކާރެއް، އެލް މޮބައިލް ފިހާރަ ކައިރިއަށް މަޑުކުރަން އުޅުމުގެ ތެރޭގައި، ނިރޮޅު މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލަކާއި އަދި ބައިސްކަލެއް ގައި ޖެހިގެން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލު ވިދާޅުވީ އެކްސިޑެންޓްގައި ސައިކަލުގައި އިން 59 އަހަރުގެ ފިރިހެނަކަށާއި ސައިކަލުގެ ފަހަތުގައި އިން އަށް އަހަރުގެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި އަދި ބައިސްކަލުގައި އިން 54 އަހަރުގެ ފިރިހެނަކަށް ވެސް އަނިޔާވެފައިވާކަމަށެވެ.
މިތިން މީހުންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށާއި އޭގެ ތެރެއިން އެކަކުގެ ސީޓީ ސްކޭނެއް ހެދުމަށް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ވެސް ވިދާޅުވިއެވެ.
އަދި އެއްވެސް މީހެއްގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.