ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރެޜަރީ އާއި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)ގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރު އެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވާފައިވަނީ އެމެރިކާގެ ވެރި ރަށް ވޮޝިންޓަން ޑީސީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ ހިއުމަން ރިސޯސް ތަރައްގީކުރުމާއި ފައިނޭންޝަލް ސެކްޓަރު ކުރިއެރުވުމައި އެދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ޑީސީގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު އަލީ ނަސީރު މުހައްމަދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.