ޚަބަރު

ދައުލަތަށް ލިބެންޖެހޭ ޓްރެފިކް ޖޫރިމަނާ ފައިސާގެ އަދަދު 160 މިލިއަން ރުފިޔާއަށް އަރާ: އާމިރު

އިބްރާހިމް ޒަކީ

އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނާ ހިލާފުވެފައިވާ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ ލައިސަންސް ނުނަގައި އުޅަނދު ފަހަރު ދުއްވުމުގެ ސަބަބުންނާއި ޓްރެފިކް މައްސަލަތަކުގައި ކޮށްފައިވާ ޖޫރިމަނާތަކާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ޖޫރިމަނާ ފައިސާގެ އަދަދު 160 މިލިއަން ރުފިޔާއަށް އަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މެންބަރު އަހުމަދު އާމިރު ވިދާޅުވެއްޖެއެވެ.

އާމިރު މިހެން ވިދާޅުވީ، އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނާ ހިލާފުވެފައިވާ ފަރާތްތަކާއި އެކި ސަބަބުތަކާ ހުރެ ލައިސަންސް ނުނަގައި އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ކުރި ޖޫރިމަނާ ނުދެއްކިވާ ފަރާތްތައް ކޮމިއުނިޓީ ސާވިސްގައި ބައިވެރިކޮށްގެން ލިބޭ އުޖޫރައިން ޖޫރިމަނާ ދެއްކޭ ގޮތަށް ގަވާއިދު އެކުލަވައިލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކާއެކު ގަވާއިދު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޓްރެފިކް މައްސަލަތަކުގައި ކުރާ ޖޫރިމަނާގެ އަދަދު 10,000 ރުފިޔާއަށް ވުރެ އިތުރުވާ މީހުން އިތުރަށް ޖޫރިމަނާ ކުރުމުގެ ބަދަލުގައި، އެފަދަ މީހުން މުޖުތަމައަށް ފައިދާކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަނީ އިސްލާހު ގެނަސްފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާއެކު ގަވާއިދު ކޮމިޓީން ބޭއްވި ބައްދަލުވުމަކީ އެގޮތަށް މުޖުތަމައަށް ފައިދާކުރަނިވި ކަމެއް ނުވަތަ މަސައްކަތެއް ނުވަތަ ހިދުމަތެއް ކުރުމަށް ކޯޓުން ނެރޭ އަމުރު ތަންފީޒު ކުރުމާގުޅޭ ގަވާއިދުގައި ކޮމިއުނިޓީ ސާވިސް ހިމެނޭ އިރު އެކަންތައްތަކަށް ކުންފުނިތަކުން ވެވިދާނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.

އާމިރު ވިދާޅުވީ މޫނުމަތީ އަދަދެއްގެ ގޮތުގައި ޖޫރިމަނާގެ އަދަދު 10،000 ރުފިޔާ އިން ނަމަވެސް، އެ ކަންތައްތަކުގައި ކޮށްފައިވާ ޖޫރިމަނާގެ އަދަދުތައް ލައްކައިން މައްޗަށް އަރާފައިވާ ކަމަށެވެ.