އިބްރާހިމް ޒަކީ
ދިވެހިބަސް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަކީ ކުދި ބޮޑު ކޮންމެ ދިވެހި ރައްޔިތެއްގެ ފަރުދީ، ވަތަނީ، އަދި ގައުމީ ޒިންމާއެއް ކަމަށް ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވެއްޖެއެވެ.
އަޝްރަފް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ.
އަޝްރަފް ވިދާޅުވީ، ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު އަސާސް ކަމަށެވެ.
"ދިވެހި ބަހަކީ އަޅުގަނޑުމެންގެ ފަހުރު، އަޅުގަނޑުމެންގެ ޝަރަފު، ދިވެހިބަސް ރައްކާތެރިކަމާއެކު ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެން ކުދިބޮޑު އެންމެހާ ރައްޔިތުން ކުރުމަކީ ލާޒިމު ޒިންމާއެއް، ފަރުދީ ޒިންމާއެއް، ވަތަނީ ޒިންމާއެއް، ގައުމީ ޒިންމާއެއް،" އަޝްރަފް ވިދާޅުވިއެވެ.
ދިވެހިބަހުގެ ދުވަސް ފާހަގަކުރަނީ، ދިވެހި ބަހަކީ ދިވެހިރާއްޖޭގެ ރައްޔިތުން ވާހަކަދައްކާ އަދި ދިވެހިންގެ އަމިއްލަ ބަހަށްވުމާއެކު މިބަސް ރައްކާތެރިކުރުމާއި މުއްސަނދިކުރުމާއި ބަހުގެ މައްޗަށް ދިވެހި އެންމެހާ ރައްޔިތުންގެ ސަމާލުކަން އިތުރުކޮށް، ބަހާ މެދު ހޭލުންތެރިކަން އިތުރުކުރުމަށެވެ.
ދިވެހިރާއްޖޭގެ ގައުމީ ބަހަކީ ދިވެހިބަސް ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިފައި އޮތުމުގެ އިތުރަށް ގާނޫނީ ގޮތުން ދިވެހިބަހަށް އިސްކަންދިނުމުގެ ގާނޫނެއްވެސް އަންނަނީ ތަންފީޒު ކުރަމުންނެވެ.
މީގެ ފަސް އަހަރު ކުރިން އަމަލުކުރަން ފެށި ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގެ ދަށުން ދިވެހިބަސް ކުރިއަރުވައި ތަރައްގީކުރުމަށާއި ދެމެހެއްޓުމުގެ މަސައްކަތަށް ދިވެހިބަހުގެ އެކަޑަމީގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދައި ގެންދަނީ މަސައްކަތްކުރަމުންނެވެ.