ޚަބަރު

މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ ދަފްތަރު ވަދެގެން: އިންތި

އިބްރާހިމް ޒަކީ

މާލޭ ސިޓީ ކައުންސިލުގެ މާފަންނު އުތުރު ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުނީ، ދަފުތަރުގެ ސަބަބުން ކަމަށް އެ ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި، މާފަންނު އުތުރު ގޮޑިއަށް އެމްޑީޕީގެ ކެނޑިޑޭޓު ފާތުމަތު ސަމީރާއާ ވާދަކޮށްގެން އެ ގޮނޑި ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކެނޑިޑޭޓު އައިމިނަތު ޔުމްނާއެވެ. އެއީ އަންހެން ކެނޑިޑޭޓުންނަށް ހާއްސަ ކޮށްފައިވާ ގޮނޑިއެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، އަބަދުވެސް އެމްޑީޕީގެ ވޯޓު ހިފަހައްޓަމުން އައި މައިގަނޑު ދާއިރާތަކުން ކައުންސިލު އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބު ވެފައިވާ ކަމަށެވެ. އެގޮތުން މާލޭ ސިޓީ އާއި އައްޑޫ ސިޓީގެ އިތުރުން އިހަވަންދޫ ކައުންސިލް އޭނާ ފާހަގަކުރެއްވިއެވެ.

އިންތި ވިދާޅުވީ، ކައުންސިލު އިންތިހާބާ ދިމާކޮށް ކުއްލިއަކަށް ދަފުތަރުގައި ތިބި ބަޔަކު އެ ދާއިރާއަށް ވޯޓުލާ ބައެއްގެ ގޮތުުގައި ހިމެނިގެން ދިޔަ ކަމަށާއި އެގޮތަށް ދަފުތަރުގައި ތިބި މީހުންނަކީ ދާއިރާގައި ދިރިއުޅޭ ބައެއްވެސް ނޫން ކަމަށެވެ. އެހެންކަމުން އެ ދާއިރާގެ ވޯޓުގެ ނަތީޖާ ނެރުނީ ދަފުތަރުން ކަމަަށާއި އެއީ ވިސްނަންޖެހޭ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

އިންތި އިތުރަށް ވިދާޅުވީ، ކައުންސިލު އިންތިހާބުގައި މުހިންމު ދާއިރާތަކުން އެމްޑީޕީއަށް ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ކަންތައްތަައް، ބޭނުންވި އަވަސް ހައްލު ނުގެނެވިގެން ދިއުން ހިމެނޭ ކަމަށެވެ. ނަމަވެސް އިންތިހާބުގެ ނަތީޖާއަށް ބަލައި އެމްޑީޕީ އާއި ސަރުކާރުގެ ސްޓްރެޓިޖިކް ޕްލޭންތަކަށް ބަދަލު ގެނަސް އެމްޑީޕީން ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.