މިއަދުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުމަށް ނިންމާފައިވާ ކަމަށެވެ. މިއަހަރުވެސް މާލޭ ސިޓީން ފިތުރު ޒަކާތް ބަލައިގަންނަނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށެވެ.
އެގޮތުން ދިރާގު ކަސްޓަމަރެއް ނަމަ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދިރާގު ޕޭ އެންޑް ލައިފްސްޓައިލް އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ. އުރީދޫ ކަސްޓަމަރުން ނަމަ އުރީދޫ އެމް ފައިސާ އެޕްލިކޭޝަނުންނާއި އެސްއެމްއެސް މެދުވެރިކޮށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ އެ ބޭންކުގެ ވެބްސައިޓު މެދުވެރިކޮށެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން އޮންލައިން ބޭންކިން "ފައިސާ ނެޓް" އާއި މޯބައިލް ބޭންކިން "ފައިސާ މޮބައިލް" މެދުވެރިކޮށް ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ފަހި ޕޭ އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީ ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާނީ އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ކައުންސިލްތަކުން ކަމަށެވެ.