ޚަބަރު

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓު ކަސްޓަމްސް އިން ނައްތާލައިފި

މަރިޔަމް ޝަހުދާ

ގިނަ އަދަދެއްގެ ބަނގުރަލާއި އޫރުމަސް އަދި ސިނގިރޭޓު، މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އިން ނައްތާލައިފި އެވެ.

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި މި ތަކެތި މިއަދު ނައްތާލާފައިވަނީ ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި ކ. ތިލަފުށީގެ ކުނި ނައްތާލާ ސަރަހައްދުގައެވެ. މިގޮތުން ޖުމްލަ 9 ކެޓަގަރީއެއްގެ ތަކެތި ކަސްޓަމްސް އިން ވަނީ ނައްތާލާފައެވެ.

ކަސްޓަމްސް އިން އާންމު ކުރި ބަޔާނެއްގައި ބުނިގޮތުގައި މިއަދު ކަސްޓަމްސް އިން ނައްތާލި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ގަވައިދުގެ 264 ވަނަ މާއްދާ، 423 ވަނަ މާއްދާ އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުމަށް އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި ކަސްޓަމްސްއިން އަމަލު ކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެއްޗެވެ.

މިގޮތުން މިއަދު ކަސްޓަމްސް އިން ސިނގިރޭޓާއި އޫރުމަސް އަދި ބަނގުރަލުގެ އިތުރުން ވަނީ ރާއްޖެއަށް އެތެރެ ކުރުން މަނާ އެކި ކާ ބާވާތްތަކާއި ބަނގުރާ ހިމެނޭ ބާވަތްތަކާއި އިސްލާމްދީނާއި ފުށުއަރާ ފަދަ ތަކެއްޗާއި މަސްތުވާތަކެތި އިސްތިހާރު ކުރާ ތަކެއްޗާއި ލޭބަލް ނުކޮށްވާ ތަކެތީގެ އިތުރުން އިމްޕޯޓް ކުރުން މަނާ އެއްޗެހީގެ ގާނޫން 4/75ގެ ދަށުން ހިފަހައްޓަފައިވާ ތަކެތި ވަނީ ނައްތާލާފައެވެ.