ޚަބަރު

ސިފައިންގެ އެތެރޭގެ ކަންތައްތަކަށް އިސްލާހީ ބަދަލު ގެންނަން ޖެހޭ: ރައީސް ސޯލިހު

މަރިޔަމް ޝަހުދާ

ސިފައިންގެ އެތެރޭގެ ކަންތައްތަކަށް އިސްލާހީ ބަދަލު ގެންނަން ޖެހޭ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ 64 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން، ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވަނީ ވެރިކަމާ ހަވާލުވެވަޑައިގަތުމުން ސިފައިންގެ އެތެރޭގެ ކަންތައްތަކަށް އިސްލާހީ ބަދަލު ގެންނަން ޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ރޭންކެއްގެ ސިފައިންނަކީ ޒިނަމާދާރުކަމާއެކު ވަޒީފާ އަދާކުރާ، ޒިންމާތަކަށް ޖވާބުދާރީވާ ބަޔަކަށް ހެދުމަށް މިހާރު ސިފައިންގެ ގަވާއިދުތަކާއި އުސޫލުތައް އިސްލާހު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ސިފައިންނަކީ ގާނޫނުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގައި ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.