ސިފްކޯ ފްލެޓްތައް މިހާރަށް ވުރެ އަވަހަށް ނިންމުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދަޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވެފައިވަނީ މިރޭ ކަޅުތުއްކަލާ ކޮށީގައި ކުރިއަށްދިޔަ 64 ވަނަ ސިފައިންގެ އަސާސީ ތަމްރީނުގެ ބައިވެރިންގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވިގޮތުގައި ހުރިހާ ރައްޔިތުންނެކޭ އެއްފަދައިން ސިފައިންނަށްވެސް ކުރިމަތިވެފައިވާ އެންމެބޮޑު ދައްޗަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެގޮތުން މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ސިފްކޯ ހިޔާގެ ފްލެޓް ތަކުގެ މަސައްކަތް މިހާރަށް ވުރެ އަވަސް ކުރުމަށް ހަރުދަނާ އުސޫލުތަކެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވަނީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ވެލްފެއާގެ ހިދުމަތް ކަންތައްތައް މިހާރަށް ވުރެ ހަރުދަނާ އަދި ފަސޭހަމާއެކު ލިބޭނެގޮތެއް ރާވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައެވެ.