ދިވެހި ސިފައިންގެ 127 އަހަރުގެ މާޒީ ކަށަވަރުކޮށްދެނީ ދިވެހި ސިފައިންނަކީ ދުވަހަކުވެސް ގައުމަށް ގައްދާރުވާނެ ބައެއް ނޫންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
64 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން، ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ހަޔާތުގެ ކިތަންމެ ކުޑަ ހިނދުކޮޅަކަށް ވިޔަސް، ސިފައިންގެ މީހަކަށް ވެވިއްޖެ މީހަކު މުޅި ހަޔާތުގައި ވެސް ސިފައިންގެ މީހެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށެވެ.
"މިއަދު ތިޔަ ސިފައިން ތިޔަ ގުޅިވަޑައިގަތީ މި ރާއްޖޭގެ އެންމެ ޝަރަފުވެރި އަދި އެންމެ ފަހުރުވެރި އާއިލާއާ. މި ބަދަހި ސަފުތަކުގެ ފަހުލަވާނުންނަކީ ވަރަށް ތެދުވެރި، ވަފާތެރި އަދި އެހާމެ އަމާނާތްތެރި ބައެއް. ދިވެހި ސިފައިންގެ 127 އަހަރުގެ މާޒީ ކަށަވަރުކޮށްދެނީ ދިވެހި ސިފައިންނަކީ ދުވަހަކުވެސް ގައުމަށް ގައްދާރުވާނެ ބައެއް ނޫންކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގައުމުގެ ސިޔާދަތީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މުހިންމު ބަހާއަކީ ކުޅަދާނަ ފަހުލަވާނުން ހިމެނޭ ލަޝްކަރެއް އޮތުން ކަމަށާއި ސިފައިންގެ އެންމެ މުހިންމު ވާޖިބަކީ ތާއަބަދު ހަނގުރާމަ ކުރުމެއް ނޫން ކަމަށެވެ. އަދި ހަނގުރާމައިގެ ނަސްރުން ލިބޭ އުފަލަށް ވުރެ މިނިވަންކަމާއި ސުލްހަވެރިކަން ގާއިމުވެފައި އޮތުމުން ލިބޭ ހިތްހަމަޖެހުން މާބޮޑުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"ޝަހީދު އަލިރަސްގެފާނު، އުތީމު މަހާރަދުން އަދި ހުރާ ދޮންބަންޑާރައިން ފަދަ ބޭފުޅުންނަކީ ގައުމުގެ ހައްގުގައި ތެދުވެވަޑައިގެންނެވި ތިޔަބޭފުޅުން ފަދަ ނޫކަށިފުރައިގެ ޒުވާނުން. ޝަހީދު ހުސައިން އާދަމް މިގައުމުގެ ހައްގުގައި ޝަހީދުވެވަޑައިގަތީ ޒުވާން ލޭގެ ހޫނާއި ޖޯޝުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސިފައިންނަކީ މިނިވަންކަމާއި ސުލްހަވެރިކަމާއެކު ބައިނަލްއަގުވާމީ މުޖުތަމައުއަށް، މި ރާއްޖެއަށް ނޭވާލެވޭ މައިގަނޑު ސަބަބު ކަމަށާއި ގައުމުގެ ދާހިލީ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި ވެސް ސިފައިންގެ މަސައްކަތަކީ އަގުނުކުރެވޭހާ ގިނަގުނަ މުހިންމު ހިދުމަތްތަކެއް ކަމަށެވެ.