ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަމަގައިމުވެސް އަޅުގަނޑު ސިފައިންނަށް ގާނޫނާ ހިލާފު އަމުރުތަކެއް ނުކުރާނަން: ރައީސް ސޯލިހު

ހަމަގައިމުވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ސިފައިންނަށް ގާނޫނާ ހިލާފު އަމުރުތަކެއް ނުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

64 ވަނަ ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން، ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ނުވާ އެންގުންތައް ކަމަށެވެ.

"އަޅުގަނޑުމެން މި މަގާމަށް އައިސް މިތިބީ ގާނޫނުގެ ވެރިކަން ކުރުމަށް. މި ސަރުކާރުން ދިވެހި ސިފައިންނަށް އަންގާނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު ނުވާ އެންގުންތައް. ހަމަގައިމުވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ގާނޫނާ ހިލާފު އަމުރުތަކެއް ނުކުރާނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ އަސާސްތައް ބުނަނީ ދިވެހި ސިފައިންނަކީ އެއް ފިކުރެއްގެ ވެރިބަޔަކަށް ވާންޖެހޭނެކަން ކަމަށާއި އެއީ އިސްލާމީ އަގީދާގައި ސާބިތުވެ ތިބުމުގެ ފިކުރު ކަމަށެވެ. އަދި އެއީ ނަފްސަށް ވުރެ ގައުމު އިސްކުރުމުގެ ފިކުރާއި ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެދިނުމުގެ ފިކުރު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިއަދު ހުވާކުރެއްވި ސިފައިންނަކީ ވެސް، އަސްކަރީ އަހުލާގަށާއި އަސްކަރީ ހުނަރަށް އަހުލުވެރިވެފައިވާ ބައެއްކަން ޔަގީން. އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާ މަތިކުރެވިފައިވާ މަދަނީ އަދި ޢަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ހިތްވަރާއި ވަރުގަދަ އަޒުމެއްގެ މަތީގައި ސާބިތުވެ ތިއްބެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.