މަންދު ކޮލެޖަކީ އެއްވެސް އިރެއްގައި ސިޔާސީ ގޮތުން ވަކި ފަޅިއެއް އިހުތިޔާރުކުރާ ކޮލެޖެއް ނޫން ކަމަށް ބުނެ، އެ ކޮލެޖުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަންދުގެ ކޮލެޖުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެ ކޮލެޖުގެ ޗެއާމަން އިބްރާހިމް އިސްމާއިލް (އިބްރާ)އާ ދެކޮޅަށް އިއްޔެ އެ ކޮލެޖުގެ ކުރިމައްޗަށް ބަޔަކު އެއްވެ ހިޔާލުފާޅުކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެ ކޮލެޖު ކުރިމައްޗަށް އެއްވެ، ބަޔަކު ހިޔާލުފާޅުކޮށްފައިވަނީ ރަސޫލާއަށް އިބްރާ ފުރައްސާރަ ކުރި ކަމަށް ބުނެއެވެ. ރޭގެ ވަގުތެއްގައި އެ ކޮލެޖުގެ ބިއްލޫރިގަނޑެއް ވެސް ވަނީ ތަޅާލައިފައެވެ.
މަންދު ކޮލެޖުން ނެރުނު ބަޔާނުގައި ބުނީ ބަޔަކު މީހުން އެއްވެ، އަޑުގަދަކޮށް ކޮލެޖުގެ މުވައްޒަފުންނާއި ދަރިވަރުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދާފައިވާ ކަމަށާއި ބައެއް ދަރިވަރުންނަށް އުނގެނުމުގައި މަސްއޫލުވުމަށް ދަތިވި ކަމަށެވެ.
"އަދި އެވަގުތު ކޮލެޖުގައި ހިނގަމުންދިޔަ ކްލާސްތަކަށް މިކަމުގެ ނޭދަވޭ އަސަރުކޮށް، ކިޔަވައިދިނުމަށް ބުރޫއަރައި، ބައެއް ދަރިވަރުންނަށް އުނގެނުމުގައި މަސްއޫލުވުމަށް ދަތިވިއެވެ. ގާތްގަނޑަކަށް ގަޑިއެއްހާއިރު މިކަން ހިނގުމަށް ފަހު، އެކަން ނިނުމަކަށް ގެނެވުނީ އަނެއްކާވެސް ފުލުހުންގެ އެހީތެރިކަމާއެކުގައެވެ..،" މަންދު ކޮލެޖުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މަންދު ކޮލެޖުން ބުނީ އޭގެ ފަހުން ހަމަ އެރޭގެ ދަންވަރުގެ ވަގުތެއްގައި ކޮލެޖުގެ ދޮރާށީގެ ބިއްލޫރިތައް ތަޅާލާފައިވާ ކަމަށާއި ސޯޝަލް މީޑިއާއާއި އެހެނިހެން މީޑިއާ މެދުވެރިކޮށް ދަރިވަރުންގެ ހިތްތަކަށް ނުތަނަވަސްކަން ވަންނާނޭ ތަފާތު ކަންކަން ކުރަމުންދާ ކަމަށެވެ.
މަންދު ކޮލެޖުގެ ދިގު ތާރީހުގައި ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި ސިޔާސީ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސް، އެކި ކަހަލަ ހަލަބޮލިކަން ދެކުނު ނަމަވެސް، އެއްވެސް އިރެއްގައި އެ ކޮލެޖަކީ ސިޔާސީ ގޮތުން ވަކި ފަޅިއެއް ހިޔާރުކުރާ ކޮލެޖެއް ނޫން ކަމަށާއި އެ ކޮލެޖަކީ އިލްމު ފެތުރުމުގައި ދިވެހި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެމުން އަންނަ ކޮލެޖެއް ކަމަށް ވެސް މަންދު ކޮލެޖުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
"ކަން މިހެން އޮތް އިރު، އެއްވެސް ބަޔަކު، އެ ބައެއްގެ އަމިއްލަ ވަކި ކަމެއްގައި މި ކޮލެޖާ އަމާޒުކޮށް މިބާވަތުގެ ކަންކަން ހިންގާކަމީ މި ކޮލެޖުން އިންތިހާއަށް ހިތާމަކުރާ ކަމެކެވެ. އަދި މި ކޮލެޖުން ދެކޭ ގޮތުގައި، މިފަދަ އަމަލުތަކަކީ ދިވެހިރާއްޖޭގައި އިލްމު ފެތުރުމަށް ކުރެވޭ މަސައްކަތަކަށް ހުރަސް އެޅުމަށް ހިންގާ ފިނޑި އަމަލުތަކެކެވެ. އަދި މިފަދަ ކަންކަން ތަކުރާރު ނުކުރުމަށާއި ދަރިވަރުންގެ އުނގެނުމަށް ހުރަސްއަޅައި، ރާއްޖޭގައި މަތީ ތައުލީމު ދޭތާ އެންމެ ގިނަ ދުވަސްވީ މުއައްސަސާގެ ނަމާއި ގަދަރު ކިލަނބު ކުރުމަށް ބަޔަކު ރާވައިގެން ހިންގާ މި ކަންތައްތައް ހުއްޓާލުމަށާއި އިލްމަށް ލޯބި އިތުރުކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރަމެވެ..،" މަންދު ކޮލެޖުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މަންދު ކޮލެޖުން އިތުރަށް ބުނީ މި ދަނޑިވަޅުގައި ކޮލެޖުގެ އެންމެހައި ދަރިވަރުންނާއި އަލަށް ކޮލެޖާ ގުޅުމަށް އެޕްލިކޭޝަން ފޯމު ހުށަހަޅާފައިވާ އެންމެހައި ދަރިވަރުންނަށް، އެކުދީންގެ އުނގެނުމަށް ހުއްޓުމެއް ނައިސް، ރައްކާތެރި މާހައުލެއްގައި އުނގެނެމުން ދިއުމުގެ ފުރުސަތު ﷲގެ ވާގިފުޅާއެކު އެ ކޮލެޖުން ތަނަވަސްކޮށްދީ، އެ ކޮލެޖުގެ މަސައްކަތް ފަސްޖެހުމެއްނެތި ކުރިއަށްގެންދާނޭ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.