ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތަކުގައި ޕްރޮފެސާ ހަސަން އުގެއިލްގެ އެހީ ހޯދަމުން އަންނަ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު މިހެން ވިދާޅުވެފައި ވަނީ އެ ކޮމިޝަނުން އަފްރާޝީމްގެ މަރުގެ މައްސަލައާ ގުޅޭގޮތުން ދެ މީހެއް ހޯދުމަށް އާންމު ކުރި ވީޑިއޯއަށް ނިސްބަތްކޮށް އާންމުންގެ މީހަކު ކުރި ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.
އެމީހާ ވަނީ އެ ވީޑިއޯގައިވާ މީހުންގެ ހޯދުމުގެ އިތުރުން ތަހުގީގުތަކުގައި އުގެއިލްގެ އެހީތެރިކަން ނުހޯދަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. މިކަމަށް ސުއޫދު ވަނީ އެ ކޮމިޝަނުން ޕްރޮފެސާ އުގެއިލްއާއެކު ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ކޮމިޝަނުން ވަނީ ޖުމްލަ 25 މައްސަލައެއް އެ ކޮމިޝަނުން ތަހުގީގުކުރާނެ ކަމަށް ބުނެފައެވެ.