ނަތީޖާ ފެންނަ ވަރުގަދަ މަސައްކަތްތަކެއް ކޮށް، މާލޭ ރައްޔިތުން އުފާ ކޮށްދޭނެ ކަމަށް އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކޮށް، މުއިއްޒު ވަނީ ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަނަސް އަބްދުލް ސައްތާރުގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރެއްވި އަލްހާން ފަހުމީ ބޮޑު ތަފާތަކުން ބަލިކުރައްވައިފައެވެ.
އިންތިހާބު ކާމިޔާބުވުމުން ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ، އޭނާ ވެގެންދާނީ ހުރިހާ ރައްޔިތުންނާއި ސަރުކާރާއެކުގައި މަސައްކަތް ކުރާ މީހަކަށް ކަމަށެވެ. އަދި މާލޭގެ ރައްޔިތުން އޭނާއަށް އިތުބާރު ކުރައްވައި ވޯޓުލެއްވީތީ، މާލޭގެ ރައްޔިތުންނަށް މުއިއްޒު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
މުއިއްޒު ވިދާޅުވީ، އޭނާގެ މޭޔަރުކަމުގައި މާލޭގެ ރައްޔިތުން އެދޭ ފަދަ ހިދުމަތްތަކެއް ފޯރުކޮށް ދޭ ތަނަކަށް މާލެ ވެގެންދާނެ ކަމަށެވެ. އަދި އޭނާއާއެކު ސިޓީ ކައުންސިލަށް އިންތިހާބު ވި ކައުންސިލަރުންނާ އެކުގައި ވަރުގަދަ މަސައްކަތްތަކެއް ކޮށް، މާލޭގެ ރައްޔިތުން ހެއްވާލާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ފުރަތަމަވެސް ކުރާނެ މަސައްކަތަކީ ގުޅީފަޅަކީ މާލޭގެ ރަށްވެހީންނަށް ގެދޮރުވެރިކަން ދޭނެ ތަނަކަށް ހެދުން" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މާލޭގެ މޭޔަރު ކަމަށް އޭނާ އިންތިހާބުވީ ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ސަޕޯޓަރުންނާއި އެއްވެސް ޕާޓީއަކަށް ތާއީދުނުކުރާ ގިނަ އަދަދެއްގެ ރައްޔިތުންގެ އިތުރުން އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއް މެންބަރުންގެ ވޯޓާވެސް އެކުގައި ކަމަށެވެ.
މާލެ ސިޓީގެ މޭޔަރު ގޮނޑި ޕީޕީއެމުން ކާމިޔާބު ކުރި ނަމަވެސް، އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީން މިހާތަނަށް ލިބިފައިވާ ނަތީޖާއަށް ބަލާއިރު ކުރީގައި އުޅުއްވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. އެއީ އައްޑޫ ސީޓީ މޭޔަރު ކަމަށް ވާދަކުރައްވާ އަލީ ނިޒާރާއި ފުވައްމުލަކު ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އިސްމާއިލް ރަފީގުގެ އިތުރުން ކުޅުދުއްފުށި ސިޓީއަށް ވާދަ ކުރާ މުހައްމަދު އާތިފެވެ. އާތިފަކީ ކުޅުދުއްފުށީ ސިޓީގެ ފުރަތަމަ މޭޔަރަށެވެ.