މ. މަޑުއްވަރީން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބިދޭސީއަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށެވެ.
މަޑުއްވަރީ ކައުންސިލަރު އިސްމާއިލް ނާފިއު "ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގެއްލިގެން ހޯދަމުން އަންނަނީ ބަންގްލަދޭޝް މީހެއް ކަމަށެވެ. ނާފިއު ވިދާޅުވި ގޮތުގައި މަޑުއްވަރީ ބޯޓްޔާޑުގައި މަސައްކަތް ކުރާ މި މީހާ ގެއްލިގެން ކައުންސިލަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30ގައެވެ.
މަޑުއްވަރީން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީ މީހާ އެންމެ ފަހުން ފެނިފައިވަނީ މިއަދި 11:30-12:00 ހާއިރެވެ. އެއީ އޭނާ ބޯޓުޔާޑުގެ މަސައްކަތުގައި އުޅުމަށް ފަހު ފާހަނަޔަށް ދާން ދިއުމުގެ ކުރިން ކަމަށް ނާފިއު ވިދާޅުވިއެވެ. ނަމަވެސް އެ ބިދޭސީ މީހާ ދިޔައީ އެދިމާ އަތިރިމައްޗަށް ކަމެއް ނުވަތަ ދިރިއުޅޭ ގެއަށް ކަމެއް އަދި ނޭނގޭ ކަމަށްވެސް ނާފިއު ވިދާޅުވިއެވެ. މީގެ އިތުރުން ނާފިއު ވަނީ ފުލުހުންގެ އެހީތެރިކަމާއެކު ރަށުތެރޭގެ އެކި ހިސާބުތަކާއި ފަޅު ގޭގޭތަކުގެ އިތުރުން އެމީހާ މަސައްކަތް ކުރަމުން އަންނަ ބޯޓްޔާޑު ސަރަހައްދުގެ ފަޅުތެރެއަށް ފީނައިގެންވެސް އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
ނާފިއު ވިދާޅުވީ ފުލުހުން އަންނަނީ އެ މީހާ ގެއްލުނު ގޮތް ތަހުގީގު ކުރަމުން ކަމަށެވެ.