ޚަބަރު

ސިއްހީ ހިދުމަތްދޭ ތަންތަން އެއްވިއުގައަކުން ގުޅާލުމުން، ފޯނާ ހިސާބަށް ހިދުމަތް ފޯރުކޮށްދެވޭނެ: ހެލްތު މިނިސްޓަރު

އިބްރާހިމް ޒަކީ

ސިއްހީ ހިދުމަތްދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއްވިއުގަ އަކުން ގުޅާލުމުން، ފޯނާ ހިސާބަށް އެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އެއް ވިއުގައަކުން ގުޅާލުމާބޭ އެއްބަސް ވުމުގައި، ހެލްތު މިނިސްޓްރީ، އާއި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީން ސޮއިކުމަށް މިއަދު ބޭއްވި ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، މިއީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދު ތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވައުދެއް ކަމަށެވެ.

އަދި 100 ދުވަހުގެ ތެރޭގައި މި މަސައްކަތް ކޮށް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިއީ ސިއްހީ ހިދުމަތް އެހެން ހަރުފަތަކަށް ގެންދިއުމަށް ކުރެވޭ އެންމެ މުހިއްމު މަސައްކަތް ކަމަށެވެ.

"މިއަދު އަޅުގަނޑުމެން މި ފަށާ މަސައްކަތަކީ، ސިއްހީ ހިދުމަތް އެހެންހަރުފަތަކަށް ގެންދިއުމަށް އަޅުގަނޑުމެން ފަށާ އެއްމެ މުހިއްމު އެއް މަސައްކަތް. އިރާދަ ކުރެއްވިއްްޔާ މި މަސައްކަތް 100 ދުވަހުގެ ތެރޭގައި ނިމި، ހިދުމަތް ފެށީމަ ޒަމާނީ ފަސީލަތްތައް، ފަހުގެ އެޕްލިކޭޝަނަތައް ބޭނުންކޮށްގެން އަޅުގަނޑުމެންގެ ފޯނާ ހިސާބަށް ހިދުމަތްތައް އަންނާނެ،" ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ހިދުމަތް ފެށުމުން، ސޮފްޓްވެއާ ތަކާއި ޓެކްނޮލޮޖީގެ އެހީގަ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް އެއް ފެންވަރެއްގައި ސިއްހީ ހިދުމަތްތައް ދެވިގެންދާނެ ކަމަށެވެ. އަދި ބޭސް ފޯރުކޮށް ދިނުމަށާއި، ހިދުމަތަށް ބޭނުންވާ ސާމާނު ސިއްހީ ތަންތަނުގައި ނެތް ނަމަ، އެކަންތައްތައް ވަގުތުންހައްލު ކުރުމަށްވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ.

މީގެ އިތުުރުން ޑޮކްޓަރަށް ދެއްކުމާއި، ޑޮކްޓަރަށް ދެއްކުމުން އުފަންވާ މައުލުމާތު ހަރުދަނާ ގޮތެއްގައި ބެހެއްޓި އެތަކެއްޗަށް ފަސޭހައިން އެކަސަސްވެ އެ މައުލުމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމަށްވެސް ފަސޭހަވެގެންދާނެ އެވެ.