އަލީ ޔާމިން
ޕްރޮކިއޯ ޕްލަސް އިން ކުޑަކުދިންނަށް ހާއްސަކޮށްގެން "ޔުނި ޕިން ޔަންގް އާޓިސްޓް ޗެލެންޖް"ގެ ނަމުގައި ކުރިއަށް ގެންދިޔަ ކުރެހުމުގެ މުބާރާތް ނިންމާލައި ވަނަތައް ހޮވައިފިއެވެ.
ކުރެހުމަށް ހާއްސަކޮށްފައިވާ ޔުނިބޯލްގެ ކުރަހަން ބޭނުންކުރާ ޔުނިޕިން ގަލަމާއި އެ ބްރޭންޑުގެ ފަންސުރާއި އަދި ކުރެހުމުގެ އެހެނިހެން ސާމާނުތައް ރާއްޖެއަށް ތައާރަފުކުރުމުގެ ގޮތުން ބޭއްވި މި މުބާރާތުގައި ދިހަ އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިން ބައިވެރިވެފައިވެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔައީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.
މި މުބާރާތުގައި ހަ އަތޮޅަކުން ޖުމުލަ 83 ކުދިން ބައިވެރިވެފައި ވެއެވެ.
މި މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ ގާޒީ ސްކޫލުގައި ތައުލީމް ހާސިމް ކުރަމުން އަންނަ އުމުރުން 16 އަހަރުގެ އައިޝަތު އަމްނާ އަލީއެވެ. ދެވަނަ ހޯދައިފައިވަނީ ތާޖުއްދީން ސްކޫލުގައި ތައުލީމް ހާސިމް ކުރަމުން އަންނަ އުމުރުން 12 އަހަރުގެ އަލާ މުހައްމަދު ޝާހިދަށެވެ. ތިން ވަނަވެސް ލިބުނީ ތާޖުއްދީންގެ ދަރިވަރަކަށެވެ. އެގޮތުން ތިންވަނަ ހޯދާފައިވަނީ އުމުރުން 15 އަހަރުގެ ހަސްނާ އަބްދުއްﷲ ސައީދެވެ.
މުބާރާތުގެ އެއްވަނަ ހޯދި އަމްނާއަށް 5،000ރ، ދެވަނަ ހޯދި އަލާއަށް 3،000ރ އަދި ތިންވަނަ ހޯދި ހަސްނާއަށް ވަނީ 1،000ރ ދީފައެވެ. މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ދިހަ ކުދިންނަށް ޕްރޮކިއޯ ޕްލަސްއިން ވަނީ ޔުނިބޯލްގެ އައިޓެމްތަކުން 10 ޕަސަންޓް ޑިސްކައުންޓް އެއް އަހަރު ދުވަހަށް ލިބޭ ޑިސްކައުންޓް ކާޑެއްވެސް ދީފައެވެ.
މުބާރާތާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވި ޝިމާނީ ޝަރީފް ވިދާޅުވީ، އެ މުބާރާތުގައި ހުނަރުވެރި އެތައް ކުދިންނެއްގެ ފަންނުވެރިކަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ޔުނިޕިން ގަލަމަކީ ގިނަ ރޮނގުތައް އެކުލެވޭ ކުރެހުންތައް ކުރަހަން ރަނގަޅު ގަލަމެކެވެ. ކުރެހުމާއި ސްކެޗް ކުރުމުގެ އިތުރުން އެހެނިހެން އާޓް މަސައްކަތްތައް ކުރުމަށްވެސް ބޭނުންތެރި ގަލަމެކެވެ. މި ބާވަތުގެ ހަތް ގޮތަށް ލިޔެވޭ ގަލަން ލިބެން ހުރިއިރު، ގަލަމުގެ ތުނޑުގެ ކޮޅުގައި ހިމެނޭ ދަގަނޑުކޮޅުގެ ސަބަބުން ސްޓެންސިލްގައި ކުރަހަން ވަރަށް ފަސޭހަވެގެންދެއެވެ. ޔުނިޕިން ގަލަމަކީ ވޯޓާޕްރޫފް އަދި ފޭޑްޕްރޫޕް ގަލަމެކެވެ.
ޕްރޮކިއޯ ޕްލަސްއަކީ ޔުނިބޯލް ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ.
ޕްރޮކިއޯ ޕްލަސްއިން މިވަނީ އާޓްގެ ދުނިޔޭގައި މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފުކޮށްފައެވެ. ހާއްސަކޮށް ޕްރޮފެޝަނަލް އާޓް ރޭންޖުގެ ހުރިހާ ސާމާނެއް ޕްރޮކިއޯ ޕްލަސްއިން މިހާރު ލިބެން ހުންނާނެއެވެ.