ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ކޮންމެ ރަށަކަށް ވެސް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން އެގޮތަށް ހަމަޖައްސާފައިވާކަން އިއުލާންކޮށްފައިވަނީ ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އެންގުމެއްގައެވެ.
އެ އެންގުމުގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް މާލެ ސަރަހައްދުން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓުތަކުންނާއި ސަފާރީތަކުންނާއި ގެސްޓްހައުސް ހުންނަ ރަށްރަށުންނާއި މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ވަކި ފިޔަވަޅުތަކަކާއެކު ވޯޓުލުމަށްޓަކައި ކަރަންޓީނުވުމެއް ނެތި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޕީއޭ އިން ބުނީ އެ އެންގުމުގެ ދަށުން ރަށްރަށަށް ދަތުރުކުރެވޭނީ ވޯޓުލުމަށްޓަކައި ދާ ފަރާތްތަކަށް އެކަނި ކަމަށާއި އެ ފަރާތްތަކުން ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަށް އަމަލުކުރަންވާނެ ކަމަށެވެ.