ޚަބަރު

ދީނަށް އިހާނާތްތެރިކަން ރައްދުވާގޮތަށް ހިިންގާ ކަންކަން ބެލުމަށް ރައީސް ހާއްސަ ކޮމިޓީއެއް އެކުލަވާލައްވައިފި

1

މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާގޮތައް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޚާއްޞަ ކޮމިޓީއެއް އެކުލަވައިލައްވައިފިއެވެ.

އެކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ އާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން އާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އާއި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޟިލް އަޙްމަދު މަޚްލޫފް އާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު އެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދާނީ ސޯޝަލް ކައުންސިލްގެ ދަށުންކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވައިފައި ކަމަށެވެ.

މި ކޮމިޓިގެ މައިގަނޑު މަސައްކަތަކަށްވާނީ، ކަމާގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް މާތްވެގެންވާ އިސްލާމްދީނުގެ ޤަދަރާ ހައިބަތައް އުނިކަން އަންނަ ގޮތައް އަދި ދީނުގެ ނަމުގައި މީހުންގެ މުދަލާއި، ފުރާނައަށް ގެއްލުން ލިބޭގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކުގައި މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތަކާއި ދުރު މުސްތަޤްބަލެއްގައި މިފަދަކަންކަމަށް ހައްލުހޯދުމުގައި އަޅާނެ ފިޔަވަޅުތަކާމެދު ގޮތްތަކެއް ނިންމެވުމެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟