ރާއްޖެއަށް މުދާ އެތެރެކުރާ ފަރާތްތަކާ އެމްޕީއެލުން ބައްދަލުކޮށްފިއެވެ.
އެމްޕީއެލުން ބުނީ އެ ކުންފުނިން އިމްޕޯޓަރުންނާ ބައްދަލުކޮށްފައި ވަނީ އަންނަ ރޯދަ މަހު އެ ކުންފުނީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދާނެ ގޮތާމެދު މަޝްވަރާ ކުރުމަށް ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ ބޮޑެތި އިމްޕޯޓަރުންނާއެކު އޮންނަ ގުޅުން ވަރުގަދަކޮށް މައްސަލަތައް ހިއްސާކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެމްޕީއެލްގެ ސްޕޯކްސް ޕާސަން ދާނިޝް ނިޒާމް މީޑިއާތަކަށް އިއްޔެ ވިދާޅުވީ އެކުންފުނިން އިސްނަގައިގެން ރާއްޖެއަށް މުދާ އެތެރެކުރާ ބޮޑެތި ފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުމުގެ މަގުސަދަކީ އެ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދީ ހިދުމަތް ހޯދުމުގައި ދިމާވާ މައްސަލަތައް ދެނެގަތުމަށް ކަމަށެވެ.
ރޯދަ މަހަކީ ވިޔަފާރި ބަނދަރަށް ބާރު ބޮޑު މަހަކަށް ވީ ނަމަވެސް، ވީހާވެސް އަވަހަށް މުދާ ހުސްކުރުމުގެ އިންތިޒާމް އެމްޕީއެލުން ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅުގައި ރާއްޖޭގެ ޝިޕިން އެޖެންޓުންނާވެސް އެ ކުންފުނިން ވަނީ ބައްދަލުކޮށްފައެވެ.
"އަޅުގަނޑުމެން ރެގިއުލާކޮށް އެކި ދުވަސްތައް މަތިން މިފަދަ ބައްދަލުވުންތައް ބާއްވާނަން. މި ބައްދަލުވުމުގައިވެސް 20 އިމްޕޯޓަރުންނަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައި،" ދާނިޝް ވިދާޅުވިއެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ކުރިއަށް މިއޮތް ރަމަޟާން މަހުގެ ރަސްމީ ގަޑިތައް ފިޔަވައި އިތުރު ގަޑިތަކުގައި މުވައްޒަފުން ނެރެ މުދާ ބާލައި ހުސްކުރުމުގެ ކަންކަން އަވަސް ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.