ކޮވިޑާ ގުޅިގެން ޅ. ނައިފަރާއި ކ. ހުރާގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް އިތުރު ފަސް ދުވަހަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
މިދިޔަ މަހުގެ ތެރޭގައި ރ. އުނގޫފާރަށް ދިޔަ ޅ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ނައިފަރު މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ ރަށް މޮނީޓަރިންއަށް ލާފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.
ނައިފަރާއި ހުރާގައި ކޮވިޑު ފެތުރެމުންދިއުމާ ގުޅިގެން އެ ދެ ރަށުގައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ. އޭރު ފިޔަވަޅު އަޅަން ނިންމާފައިވަނީ މިއަދުގެ ނިޔަލަށެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އަންގާފައިވާ އެންގުމާއި، އެ އެންގުމުގެ މުއްދަތު އިތުރު ފަސް ދުވަހުގެ މުއްދަތަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަތޮޅުތެރެއިން ކޮވިޑު ކޭސްތައް އެންމެ ގިނަ ދެ ރަށުގެ ގޮތުގައި ނައިފަރާއި ހުރާ ފާހަގަކޮށްލެވެއެވެ. އެގޮތުން މިއަދުގެ ނިޔަލަށް ނައިފަރުން 215 މީހަކު ޕޮޒިޓިވްވެފައިވާ އިރު، މިވަގުތު ހުރާގައި 121 އެކްޓިވް ކޭސް އެބައުޅެއެވެ.