އަލީ ޔާމިން
ސަކާރުން އަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތަކަށް ކުރިތަމަތިލުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ގެޒެޓު ކުރި އިއުލާންގައި ބުނީ، ސަރުކާރުން އަލަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް އެދި ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމާއި މާކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު އާންމުކޮށްފައިވާ ކަމަށެވެ.
ހައުސިން މިނިސްޓްރީން ބުނީ، އެޕްލިކޭޝަން ފޯމާއެކު އާމްދަނީ ޖަމާވާ އެކައުންޓް/އެކައުންޓްތަކުގެ ފާއިތުވި ހަ މަަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ރަޖިސްޓަރީވެފައިވާ ކަމުގެ ލިޔުމާއި މައި އެޕްލިކަންޓްގެ ނަމުގައިވާ ގޯތި/ ފްލެޓް ނުވަތަ އެޕާޓްމަންޓް ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެ ކަމަށެވެ.
ހައުސިން މިނިސްޓްރީން ހެދި ނީޑް އެސަސްމަންޓުން ދައްކާ ގޮތުގައި މިވަގުތު މާލޭގައި ބޯހިޔާވަހިކަމަށް ބޭނުންވާ 7500 އާއިލާ ދިރިއުޅެއެވެ.