އެމްޑީޕީގެ ވާދަވެރިން ވަމުންދާ ވައުދުތަކަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން އެއްވެސް ގޮތަކަށް ތަންފީޒު ކުރެވޭނެ ފަދަ ވައުދުތަކެއް ނޫން ކަމަށް އެމްޑީޕީގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ބައެއް ކެންޑިޑޭޓުން ދަނީ ވަކިވަކި ވައުދުތައް ވަމުންނެވެ. އޭގެ ތެރޭގައި ސިޓީ ކައުންސިލުތަކުގެ މޭޔަރުކަމަށް ވާދަކުރައްވާ ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ. ވައުދުތަކެއްވީ ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ދަށުން އެކަންކަން ތަންފީޒުކުރުމަށް ކައުންސިލުގެ މެޖޯރިޓީ ބޭނުންވާނެއެވެ.
އެމްޑީޕީން އިއްޔެ ހަވީރު މާލޭގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ އެމްޑީޕީގެ ވާދަވެރިންނަކީ މި ނިޒާމު އެއްގޮތަކަށް ވެސް ބަލައިގަންނަ ފަރާތްތަކެއް ނޫން ކަމަށާއި މި ނިޒާމަށް ފަރިތަ ފަރާތްތަކެއް ވެސް ނޫން ކަމަށެވެ. އަދި މި ނިޒާމަކީ ކިހިނެއް ހިނގާ އެއްޗެއް ކަމާއި ކިހިނެއް އޮންނަ އެއްޗެއްކަން ވެސް އެނގޭ ފަރާތްތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ، އެބޭފުޅުން އެ ވަޑައިގަންނަވާ ވައުދަކީ ލާމަރުކަޒީ ނިޒާމުގެ ދަށުން އެބޭފުޅުންނަށް އެއްވެސް ގޮތަކަށް ތަންފީޒުކުރެވޭނެ ފަދަ ވައުދުތަކެއް ނޫން. މި ނިޒާމަށް ފަރިތަ، މި ނިޒާމު ތަރައްގީކުރާނެ، މި ނިޒާމު އިތުރަށް ހަރުދަނާ ކުރާނެ ފަރާތްތަކަކީ ވެސް އެމްޑީޕީގެ ކެންޑިޑޭޓުން. އެމްޑީޕީ އެކަނި. އެހެންވީމާ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ ހުރިހާ ރައްޔިތުން ތިލަފަތަށް ވޯޓު ޖައްސަވައި، ވޯޓު ފޮށިތައް ފުރާލުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،" އޭނާ ވިދާޅުވިއެވެ.
އަނަސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން އަލަށް ކައުންސިލުތަކަށް މި ދެވުނު ބާރުތަކާއި މާލީ މިނިވަންކަމާއެކީ މާލޭ ރައްޔިތުންނަށް ވަރަށް ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށާއި ލޯކަލް ކައުންސިލް ކޮންމެ އިންތިހާބެއްގައި ވެސް މާލޭ ރައްޔިތުން އެމްޑީޕީއަށް ކުރައްވާ އިތުބާރަކީ ބަލައިގަންނަ ކަމެއް ކަމަށެވެ.
"މި ހޮނިހިރު ދުވަހު ބޭއްވޭ އިންތިހާބަކީ ތިބޭފުޅުން މާލޭގެ މުސްތަގުބަލު ކަނޑައެޅުމަށް ނިންމާ ވަރަށް މުހިންމު ނިންމުމެއް. ނިންމާ ވަރަށް ބޮޑުވެސް ނިންމުމެއް. އެނގިވަޑައިގަންނަވާނެ މާލެ ސިޓީގެ މޭޔަރަކަށް މިފަހަރު އިންތިހާބުކުރައްވަނީ ސީދާ މާލޭ ރައްޔިތުންގެ ވޯޓަކުން. ކައުންސިލަރުންގެ މެދުގައި ނެގޭ ވޯޓަކުންނެއް ނޫން،" އޭނާ ވިދާޅުވިއެވެ.
އަނަސް އިތުރަށް ވިދާޅުވީ މީގެ ކުރިން ބޭއްވި ކައުންސިލް އިންތިހާބުތަކާއި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބު އަދި ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކުރި އިތުބާރު އެގޮތުގެ މަތީގައި އެޕާޓީއަށް ދިނުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.