ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދަމުން ދިޔަ އިމަރާތާކުން ސިމެންތި ބަސްތާއެއް ވެއްޓި ލިބުނު ޒަހަމްތަކުގައި މަރުވި ބަންގްލަދޭޝްގެ ރައުޝަން ޖިއާންނަށް އިންސާފު ލިބެންދެން ރާއްޖޭގައި ތިބޭނެ ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
މިއަދު އުނިމާ ގްރޭންޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައުޝަންގެ މަންމަ ޑރ. ފަރުޒާނާ ހުސައިން ބުނީ ދަރިފުޅު މަރުވުމުގެ ހާދިސާއަށްފަހު އެނބުރި ގައުމަށް ދިޔަ ކަމަށާއި އެނބުރި އައީ ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިފުޅު މަރުވި މައްސަލަ ނިމެންދެން އަޅުގަނޑުމެން ތިބޭނީ ރާއްޖޭގައި،" އޭނާ ބުންޏެވެ. ފަރުޒާނާ ބުނީ އެ ހާދިސާގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ.
"މި ހާދިސާ ހިނގާފައިވަނީ އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި މަސައްކަތް ކުރުމުން. އެކަމަކު ލިބޭ ހިތްހަމަޖެހުމަކީ މި މައްސަލަ މިހާރުވެސް ވަރަށް ބާރަށް ތަހުގީގުކުރަމުން ގެންދާކަން،" އޭނާ ބުންޏެވެ.
ޖިއާން މަރުވި ހާދިސާއާ ގުޅިގެން ކޯޓުގައި ބަޔަކާ ދެކޮޅަށް ދައުވާކުރާނީ ފުލުހުން މިހާރު ކުރަމުން އަންނަ ތަހުގީގު ނިމުމުން އެއަށް ބަލާފައި ކަމަށް އޭނާގެ ވާހަކައިގައި ފާހަގަކޮށްފައި ވެއެވެ.
ދަރިފުޅަށް އިންސާފު ލިބެންދެން މާލޭގައި ހުރުމަށް ނިންމާފައިވާއިރު ފަރުޒާނާގެ ޗުއްޓީ މިއަދު ނިމޭނެއެވެ. ފ. އަތޮޅު ހޮސްޕިޓަލުގައި މަސައްކަތްކުރާ ފަރުޒާނާ މާދަމާ ވަޒީފާއަށް ނިކުންނާނެ ކަމަށް އޭނާ ބުންޏެވެ.
ފަރުޒާނާ ބުނީ ހިތާމައިގެ އެ ދަނޑިވަޅުގައި ރާއްޖެއިން ބެހެއްޓި އޯގާތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
ޑިސެމްބަރު 16ވަނަ ދުވަހު ސިމެންތި ބަސްތާއެއް ބޮލަށް ވެއްޓި އަނިޔާތައް ލިބުމުން ރައުޝަން މަރުވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް އޭގެ އަނެއް ދުވަހެވެ.