އިބްރާހިމް ޒަކީ
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް 75 ވެންޓިލޭޓަރު ގެނައުމުގައި ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް ބައެއް ފަރާތްތަކުގެ ފޯނު ރެކޯޑިން އަޑުއެހުމުގެ ކޯޓު އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނު ނަމަވެސް އެ ކޯޓުން އެ އަމުރު ނުލިބުނު ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.
ޝިއުނާ މިހެން ވިދާޅުވީ، އެ މައްސަލަ އޭސީސީން ތަހުގީގު ކުރި ގޮތާބެހޭ ގޮތުން އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮމިޓީ ބައްދަލުވުމުގައި ފޯނު ރެކޯޑިން އަޑު އެހުމަށް ކޯޓަށް ހުށަހެޅުއްވިންތޯ ސުވާލު ކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންއެވެ. މެމްބަރު އެ ސުވާލު ކުރެއްވުމުން ޝިއުނާ ފުރަތަމަ ވިދާޅުވީ، ކޮމިޓީ ބައްދަލުވުމުގެ ސިއްރުން ކުރިއަށް ގެންދާ ބައިގައި އެ ސުވާލަށް ތަފުސީލުކޮށް ޖަވާބު ދެއްވާނެ ކަމަށެވެ.
ނަމަވެސް އިތުރު ސުވާލަކަށްފަހު މެންބަރު އަލީ ހުސެއިން ވަނީ، ގާނޫނުއަސާސީ ބުނާ ގޮތުން ސިއްރު ވަނީ އަދި ސިއްރު ކުރަން ޖެހެނީ ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަންތައްތަކާއި ކުޑަކުދިންނާ ބެހޭ ބަދުއަހުލާގީީ މައްސަލަތަކާއި ރޭޕު ކޭސްތަކާއި މީހުންގެ ޒާތީ މުއާމަލާތްތަކުގެ މައްސަލަ ކަމަށްވާ އިރު، ކޯޓު އަމުރާ ބެހޭ ސުވާލަށް ޖަވާބު ދެއްވުން ސިއްރު ކުރައްވަން ނިންމެވީ އެތަނުން ކޮން ކެޓަގަރީއަކަށް ފެތޭތީ ތޯ ސުވާލު ކުރައްވައިފައެވެ.
އަދި ކޯޓު އަމުރަށް އެދުނީ ކޮން ބައެއްގެ ފޯނު އަޑުއަހަންތޯ އާއި އެކަމާބެހޭ ތަފުސީލު ވެސް ބޭނުން ނުވާ ކަމަށާއި ބޭނުން ވަނީ ކޯޓު އަމުރަކަށް އެދުނުތޯ އާއި ދިނީ ކޮން ޖަވާބެއްތޯ އޮޅުން ފިލުވުމަށް ކަމަށް މެމްބަރު ވިދާޅުވިއެވެ.
މެންބަރު އަލީ ހުސެއިންގެ ވާހަކައާ ގުޅިގެން އެވަރުގެ މައުލޫމާތެއް ދެވެން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވެސް ވިދާޅުވިއެވެ.
އެހިސާބުން އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުގައި ބައެއް ފަރާތްތަކުގެ ފޯނު ރެކޯޑިން އަޑުއެހުމަށް ކޯޓު އަމުރަކަށް އެދުނު ކަމަށާއި ލިބިފައިނުވާ ކަމަށް އޭސީސީގެ ރައީސް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖެއަށް 75 ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށެވެ. އެ އަގުގެ 90 ޕަސެންޓަށް ވާ 30.9 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ދައްކައިފައެވެ.
އެ ކުންފުންޏާއެކު ސޮއި ކުރި އެއްބަސްވުމުގެ ދަށުން ފުރަތަމަ ފޮނުވީ 11 ވެންޓިލޭޓަރެވެ. ނަމަވެސް އެ ތަކެތީގައި ހުންނަން ޖެހޭނެ ކަމަށް އެއްބަސްވި ފީޗާސްތައް ނެތުމުން އެތަކެތި ހެލްތު މިނިސްޓްރީން ބަލައިގެންފައެއްނުވެއެވެ.
މި މައްސަލަ އޭސީސީން ތަހުގީގުކޮށް އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ އިސް 11 ބޭފުޅުންނަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވިއެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރާނެ ހެއްކެއް، ގަރީނާއެއް ނެތް ކަމަށް ވިދާޅުވެ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމު ވަނީ ދެ ފަހަރު އެ މައްސަލަ އަނބުރާ އޭސީސީ އަށް ފޮނުވާލައިފައެވެ. ނަމަވެސް އެންމެ ފަހުން އެ މައްސަލަ އަލުން ރިވިއު ކުރަން ޕީޖީ ވަނީ ނިންމަވައިފައެވެ.