ޚަބަރު

ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި

އިބްރާހިމް ޒަކީ

ފަޅުރަށްރަށް ވަރުވާއަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗާއިން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނެފައި ވަނީ، ފަަޅުރަށްރަށާބެހޭ ގާނޫނުގެ ދަށުން އާންމުކޮށް އިއުލާނު ނުކޮށް ފަޅުރަށްރަށް ކުއްޔަށް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައި ވާކަމަށެވެ.

އަދި ވަރުވާއަށް ފަޅުރަށްރަށް ހޯދުމަށް އެދި ފޯމު ހުށަހަޅައި، މިހާތަނަށް އެގްރިމެންޓް ނުކުރެވި ހުރި ރަށްތަކުގެ އެގްރިމެންޓް ކުރުމުގެ ކަންތައްވެސް މިވަގުތު، ވަގުތީ ގޮތުން ހުއްޓާލާފައި ވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް ތަރައްގީކުރުމަށް ކަނޑައަޅާ ފަޅު ރަށްރަށް ފިޔަވައި، ޤާނޫނު ނަންބަރު 98/20 "ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު"ގެ ދަށުން ދަނޑުވެރި ކަމަށާއި، ވަރުވާއަށް އެގްރިކަލްޗާ މިނިސްޓްރީން އަންނަނީ، ފަޅުރަށްރަށް ދޫކުރަމުންނެވެ.

އެ ގާނޫނުގައި ބުނެފައިވަނީ، އެ ރަށެއްގައި ކުރަން ހުށަހަޅާ ކަމަކީ، ރާއްޖެއަށް ފައިދާކުރާނެ ކަމެއް ކަމަށް ވުމާއި، އެ ކަމަކީ ދިވެހި ރައްޔިތުންނަށް ފައިދާކުރާނެ ކަމެއްކަމަކަށް ވާނަމަ ފަޅުރަށްރަށް ކުއްޔަށް ދެވޭނެ ކަމަށެވެ.