އަލީ ޔާމިން
މިދިޔަ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މާދަމާއިން ފެށިގެން ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ފަށާފައިވަނީ ހޮނިހިރު ދުވަހުއެވެ. ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.
އެޗްޕީއޭއިން ބުނީ ފެބްރުއަރީ ނުވަވަނަ ދުވަހުގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް މާދަމާއިން ފެށިގެން މާލޭ ސަރަހައްދުގެ ފަސް ސެންޓަރަކުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ކަމަށެވެ.
ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފެށި ފަހުން މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.