މިދިޔަ އަހަރު ރާއްޖޭގައި ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 376 ދަރިވަރުން ގައުމީ ގަދަ 10ގައި ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ގަަދަ 10ގައި ހިމެނިފައިވަނީ 375 ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބުދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އޯލެވެލް އިމްތިހާނުގައި 4،571 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގިނަ މާއްދާތަކުން ފާސްވި ދަރިވަރުންގެ އަދަދު ވަނީ ނިސްބަތުން އިތުރުވެފައި ކަމަށެވެ. ނަމަވެސް 100 ޕަސެންޓް ފާސްވެފައިވަނީ އެއް މާދާއިން ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ލިޓްރޭޗާއެވެ.
ލިޓްރޭޗާގެ އިތުރުން ފާސްވި ޕަސެންޓު އެންމެ ގިނަ މާއްދާތަކަކީ ކޮމްޕިއުޓިން (86 ޕަސެންޓް) އާއި ކެމިސްޓްރީ (84.5 ޕަސެންޓް) އާއި ދިވެހި (86.1 ޕަސެންޓު) އާއި އިސްލާމް (82 ޕަސެންޓް) އަދި ފިޒިކްސް (82.9 ޕަސެންޓް) އެވެ.
މިދިޔަ އަހަރު ރާއްޖޭގެ ސްކޫލުތަކުގައި 5،433 ދަރިވަރުން ގްރޭޑް 10ގައި ކިޔަވާފައިވާއިރު 862 ދަރިވަރުންނަކީ ސްޓްރީމްތަކުގައި ކިޔަވާފައިވާ ދަރިވަރުން ނޫން ކަމަށް ރަޝީދު ވިދާޅުވިއެވެ. އެގޮތުން އެ ދަރިވަރުންނަކީ ބީޓެކް އާއި ދަސްވާރު ޕްރޮގްރާމްގައި ކިޔަވާފައިވާ ކުދީން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.