ރިފާ ހަލީލު
"ޕިޗް-އަޕް ޔޫތު އެންޓްރޮޕްރިނުއާޝިޕް ޗެލެންޖު"ގެ ނަމުގައި، އަމިއްލަ ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ޒުވާނުންނަށް ހާއްސަ މުބާރާތެއް އިފްތިތާހު ކޮށްފި އެވެ.
މީރީ ޕްރޮޖެކްޓްގެ ފަރާތުން ކުރިއަށް ގެންދާ މި މުބާރާތް އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މި މުބާރާތަކީ ކޮވިޑް-19 ގެ ސަބަބުން ވިޔަފާރިތަކަށް ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް ވެފައިވާތީ މިހާރު އެ ވިޔަފާރިތައް ކޮޅަށް ޖަހައި، އަދި އަމިއްލަ ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް، ހާއްސަކޮށް ޒުވާނުންނަށް ހާއްސަކޮށްގެން ހިންގާ މުބާރާތެއް ކަމަށެވެ.
މި މުބާރާތް ހުޅުވާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. މި މުބާރާތުގައި މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަ ހުރިހާ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ.
ހަޔާ އެޑިއުކޭޝަނުން ބުނީ މިއަދު ފެށި މި މުބާރާތުގައި އާ ވިޔަފާރީގެ އުފެއްދުންތެރި ހިޔާލާއި ވިސްނުންތައް ހުށަހަޅައި، އެކަންކަން ފަށައިގަތުމަށް ޒުވާނުންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ހުށަހަޅާ ހިޔާލުތަކަށް ގިނަވެގެން 40،000 އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މުބާރާތުގައި އަމިއްލަ ހައިސިއްޔަތުން ނުވަތަ ތިން މެމްބަރުންގެ ޓީމެއް ގޮތުގައިވެސް ބައިވެރިވެވޭނެ އެވެ. މި މުބާރާތަށް ހިޔާލު ހުށަހެޅޭނެ ދާއިރާތަކަކީ ފަތުރުވެރިކަން، ފަތުރުވެރިކަމާއި ގުޅޭ އުމްރާނީ މަސައްކަތް، އައިސީޓީ އަދި ދަނޑުވެރިކަމުގެ ދާއިރާގެ ވިޔަފާރީގެ މަސައްކަތްތަކެވެ.
މި މުބާރާތުގެ ފުރަތަމަ ފިޔަވައްސަކީ ހިޔާލު ހުށަހެޅުން ކަމަށާއި އެއަށްފަހު ބޫޓްކޭމްޕެއް ހިންގޭނެ ކަމަށް ހަޔާ އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ. އަދި މި ބޫޓް ކޭމްޕް ފުރިހަމަ ކުރާ ފަރާތްތަކަށް ފައިނަލް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި އެއަށްފަހު މި ހިޔާލުތައް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައިނަލް އަގްވާމީ ޖަޖުން ހިމެނޭހެން އެކުލަވާލާ ޕެނަލަކުން ޕިޗް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި މުބާރާތް އިފްތިތާހު ކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ކުޑަކުޑަ ހިޔާލަކަށް ފެންދީ ބޮޑުކޮށް ވިޔަފާރީގެ މައިދާނުގައި ނަތީޖާ ނެރޭ ކާމިޔާބު ޒުވާނުންތަކެއް މި މުބާރާތުގެ ސަބަބުން އުފެދިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
މި މުބާރާތަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި އެކޮނޮމިކް މިނިސްޓްރީ އާއި ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި، މީރީ ޕްރޮޖެކްޓްުގެ ދަށުން ހިންގާ ހިންގާ މުބާރާތެކެވެ. މިއީ ފަސް އަހަރު ދުވަހަށް ބަހާލައިގެން ހިންގާ 20 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މީރީ ޕްރޮޖެކްޓުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން ޓެކްނިކަލް އާއި ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރީގެ ދާއިރާ ގެ ހުނަރުތައް މި ޕްރޮޖެކްޓްގެ ދަށުން ތަރައްގީ ކުރާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.