މާލެ އާއި ވިލިމާލޭގައި ސައުވީސް ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭނެ ސަރަހައްދުތައް ކަނޑައަޅައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ޒެގެޓްގައި ޝާއިއުކޮށްފައިވާ ޢިއުލާނުގައި، ސައުވީސް ގަޑިއިރު ވިޔަފާރި ކުރެވޭނެ 13 ސަރަހައްދެއް ވަނީ ކަނޑައަޅައިފަ އެވެ.
އެ ތޭރަ ސަރަހައްދަކީ، ބޮޑުތަކުރުފާނު މަގު، ކަނބާއައިސާރަނި ހިނގުން، ފަރީދީ މަގު، ސޯސަން މަގު، މެދުޒިޔާރަތް މަގު، ޖަނަވަރީ މަގު، މަޖީދީ މަގު، ބުރުޒުމަގު، އޯކިޑު މަގު، އަމީނީ މަގު، ލޮނުޒިޔާރަތް މަގު، ވިލިނގިލި ފެރީ ޓާމިނަލް، ޗާންދަނީ މަގެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދޫކުރާ ތަންތަނުގެ ތެރެއިން، އިމްޕޯޓު މުދަލުގެ ވިޔަފާރިކުރާ ތަންތަނުން ވިއްކޭނީ، ހަމައެކަނި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންކުރާ ތަކެއްޗެވެ.
24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޫކުރެވޭނީ، ހުއްދައަށް އެދޭ ތަނުގައި ފުރިހަމަވާންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި ޗެކު ކުރުމަށް ފަހުގައެވެ.
24 ގަޑިއިރު ވިޔަފާރިކުރާ ފަރާތްތަކުން، ނަމާދު ވަގުތުތަކަށް ތަން ބަންދުކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތެއްގައި، ވިޔަފާރިކުރަން އަންނަ ފަރާތްތަކަށް ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ބަހައްޓަންވާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާނީ، އެ މިނިސްޓްރީގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ ސަރވިސް ސެންޓަރަށެވެ. އަދި މިކަމަށް އެދި ހުށަހަޅާ ފޯމު މިމިނިސްޓްރީގެ ވެބްސައިޓް އިން ލިބޭނެއެވެ.