ޖަޕާނުގެ ފަރާތްތަކުގެ މެދުގައި ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މަގުބޫލު މަންޒިލެއްގެ ގޮތުގައި ތައާރަފުކުރުމުގެ ޝައުގުވެރިކަން ނައިބު ރައީސް ފައިސަލް ނަސީމް ފާޅުކުރައްވައިފިއެވެ.
ނައިބު ރައީސް މިކަމާ ގުޅޭގޮތުން ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއި، ނައިބު ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމް ޒިޔާރާތުގެ ބައްދަލުވުމުގައެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި ޖަޕާނަކީ ނުވަ ވަނައަށް އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އަންނަ ގައުމެވެ. ނަމަވެސް ޖަޕާނު މީހުންގެ މެދުގައި ރާއްޖެއަކީ އެންމެ މަގުބޫލު ޓުއަރިސްޓް މަންޒިލެއް ނޫނެވެ.
ޖަޕާން އިންފޯއިން 2015 ވަނަ އަހަރު އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާގޮތުގައި ޖަޕާނުގެ މީހުންގެ މެދުގައި އެންމެ މަގުބޫލު ޓުއަރިސްޓް މަންޒިލްތަކަކި ޗައިނާ އާއި ދެކުނު ކޮރެއާ އާއި ތައިލެންޑް އާއި ވިއެޓްނާމް އެވެ. އޭގެ އިތުރުން ހަވާއީ އާއި ފްރާންސް އަދި ސްޕެއިން އަކީވެސް ޖަޕާނުގެ މީހުންންގެ މެދުގައި މަގުބޫލު މަންޒިލުތަކެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ބައްދަލުވުމުގައިދެ ބޭފުޅުންވެސް ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެގޮތުން ވިޔަފާރީގެ ރޮނގުންނާއި ތައުލީމީ ދާއިރާއިންނާއި ކުޅިވަރުގެ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއިން ކުރެވެންހުރި ކަންތައްތަކާމެދު އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.