މުހައްމަދު އައުޒަމް
އައްޑޫ އައިއެމްޑީސީ އާއި ލަންކާގެ ނަވަލޯކާ ހޮސްޕިޓަލާ ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެއްބަސްވުމުގައި އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގެ ފަރާތުން ސޮއި ކުރެއްވީ ޗެއާޕާސަން ޑރ މަރިޔަމް ޝަކީލާއެވެ. އަދި ނަވަލޯކާ ހޮސްޕިޓަލްގެ ފަރާތުން ސޮއި ކުރެއްވީ ހެޑް އޮފް ފައިނޭންސް އެންޑް ކޯޕަރޭޓް ޕްލޭނިންގ މެނޭޖަރ ނަލަކަ ނިރޯޝަނާއެވެ. މިރަސްމިއްޔާތުގައި އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު އަދި ސްރީލަންކާގެ ނަވަލޯކާ ހޮސްޕިޓަލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތަށްފަހު ނޫސްވެރީންނަށް މައުލޫމާތު ދެއްވަމުން ނަވަލޯކާ ހޮސްޕިޓަލްގެ ހެޑް އޮފް ފައިނޭންސް އެންޑް ކޯޕަރޭޓް ޕްލޭނިންގ މެނޭޖަރު ނަލަކަ ނިރޯޝަނާ ވިދާޅުވީ ނަވަލޯކާއަކީ ދިވެހީންގެ ތެރޭގައި މަގުބޫލު ހޮސްޕިޓަލެއް ކަމަށެވެ. ނިރޯޝަނާ ވިދާޅުވީ މިއެއްބަސްވުމުގެ ދަށުން ނަވަލޯކާގެ ސްޕެޝަލިސްޓުން އައިއެމްޑީސީއަށް ޒިޔާރަތްކޮށް ހިދުމަތް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ގިނަ ހިދުމަތްތަކެއް އައިއެމްޑީސީ މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.
ނިރޯޝަނާ އިތުރަށް ވިދާޅުވީ ނަވަލޯކާއިން އައިއެމްޑީސީގައި ދިނުމަށް ހަމަޖެހިފައިވާ ހިދުމަތްތައް އާސަންދަ މެދުވެރިކޮށްވެސް ލިބިގެންދާނެކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރުގެ ޗެއާޕާސަން ޑރ މަރިޔަމް ޝަކީލާ ވިދާޅުވީ މިއީ އައްޑޫގެ ސިއްހީ ނިޒާމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ބޭސްފަރުވާއަށް ބޭރަށް ނުގޮސް އައްޑޫގައި ތިބެގެން ސިއްހީ ހިދުމަތް ލިބުމަށް މިކަމުގެ ސަބަބުން ދޮރު ހުޅުވިގެން ދާނެކަމަށެވެ.
ޑރ ޝަކީލާ ވިދާޅުވީ ސްޕެޝަލިސްޓުން އައިއެމްޑީސީއަށް ޒިޔާރަތްކޮށް ފަރުވާ ދޭނެކަމަށާއި އަދި ހައްލު ނުކުރެވޭ ބަލިތަކުގެ ޕޭޝަންޓުން ނަވަލޯކާއަށް ފޮނުވައިދީގެން ފަރުވާދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިފަދަ ހާލަތެއްގައި ނަވަލޯކާއަށް ޓްރާންސްފަރ ކުރުމަށް އައިއެމްޑީސީން ފެސިލިޓޭޓް ކުރާނެކަމަށް ވެސް ޑރ ޝަކީލާ ވިދާޅުވިއެެވެ.
އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރަކީ 2008 ވަނަ އަހަރުން ފެށިގެން އައްޑޫގައި ޒަމާނީ ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ސެންޓަރެކެވެ.