ޚަބަރު

ދީނީ އިލްމުވެރިޔާ ބާބުލްއަވާލީ އިބްރާހީމް މުހައްމަދު މަޖިލިސް އިންތިޚާބުގައި ރައީސް ނަޝީދާ ދެކޮޅަށް ނިކުންނަވަނީ

3

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވަން ނިންމަވައިފައިވާ މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވަން މއ. ބާބުލްއަވާލީ އިބްރާހީމް މުހައްމަދު ނިންމަވައިފި އެވެ.

އިބްރާހީމް ވަނީ "ވަން އޮންލައިން"އަށް އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އިބްރާހީމް ވިދާޅުވިގޮތުގައި އޭނާ މަޖިލީހަށް ކުތިމަތިލައްވަން ނިންމެވި މައިގަނޑު ސަބަބަކީ އިސްލާމްދީނަށް އަމާޒުވެގެން މި ފަހަކަށް އައިސް އަންނަ ހަމަލާތައް ގިނަވުން ކަމަށެވެ.

"މި ފަހަކަށް އައިސް މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދީނަށް އަމާޒުކޮށްގެން ދޭ ހަމަލާތައް މި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ. އެއީ ރޭވިގެން ކުރާކަމެއް. އެހެންވީމަ އަޅުގަނޑަށް ގަބޫލުކުރެވުނީ މި މަސައްކަތަށް ނިކުތުމުގެ ވަގުތު ޖެހިއްޖެ ކަމަށް." ޝެއިޚް އިބްރާހީމް ވިދާޅުވި އެވެ.

ޝެއިޚް އިބްރާހީމްއަކީ އިސްލާމްދީނުގެ އަލީގައި އިޖުތިމާއީ މައްސަލަތަކުގެ ހައްލު ހޯއްދެވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެ ގޮތުން ރާއްޖޭގެ މީޑިއާތައް މެދުވެރިކޮށް އެ މަސައްކަތް ކުރައްވާތާ ވަނީ އަހަރުތަކެއް ވެފަ އެވެ.

ޝެއިޚް އިބްރާހީމްގެ ބައްޕަ، ޝައިޚް މުހައްމަދު އިބްރާހީމްއަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ ސިވިލް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވައިފަ އެވެ.

ރައީސްް މައުމޫނުގެ ވެރިކަމުގައި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި އުފެދުނު މައްސަލަތަކުގައި، ޝެއިޚް މުހައްމަދު ވަނީ އެކި ފަހަރު މަތީން 14 އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ހޭދަކުރައްވައިފަ އެވެ. އޭގެ ތެރެއިން ދެ އަހަރު ދުވަހު ރާއްޖެ އަށް ވަޑައިގެން ނުގެންނެވޭ ގޮތަށް އިންޑިއާއަށް ވެސް ފޮނުއްވައިލެއްވި ކަމަށް ޝެއިޚް އިބްރާހީމް ވިދާޅުވި އެވެ. އިންޑިއާގައި ހުންނެވި މުއްދަތުގައި ކެރެއްލާ ސްޓޭޓަށް ވަޑައިގަތުން ވެސް އޮތީ މަނާކުރައްވައިފަ އެވެ. މީގެ އިތުރުން ދެ އަހަރު ދުވަހަށް އަރުވައިވެސް ލިއެވެ.

ޝެއިޚް އިބްރާހީމް ރައީސް ނަޝީދާ ވާދަކުރައްވަން ނިންމަފައިވަނީ އަމިއްލަފުޅު ގޮތުންނެވެ.

މީގެ ކުރީން އެމްޑީއޭގެ ގައުމީ ކައުންސިލް މެންބަރު އަދި އިޖުތިމާއީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުވެސް ވަނީ މައްޗަންގޯޅި މެދު ދާއިރާއަށް ވާދަކުރައްވާނެ ކަން އިއުލާނުކުރައްވައިފަ އެވެ. އަދި އޭނާ ގެންދަވަނީ އެދާއިރާއަށް ކެމްޕޭންވެސް ކުރައްވަމުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟