ޚަބަރު

މިލަންދޫ ކައުންސިލު ދޮރުމައްޗަށް ބަޔަކު މަހު ލޭ އަޅައިފި

އަހުމަދު ޖައިޝަން

ށ. މިލަންދޫ ކައުންސިލު އިދާރާގެ ދޮރުމައްޗަށް، ބަޔަކު، ކުނިވެފައި ހުރި މަހު ލޭ އަޅައިފި އެވެ.

"ވަން އޮންލައިން"އަށް މައުލޫމާތު ދެއްވަމުން މިލަންދޫ ކައުންސިލުގެ ރައީސް އަބްދުﷲ ފާއިޒު ވިދާޅުވީ މުވައްޒަފުން މިއަދު ހެނދުނު އިދާރާއަށް ދިޔައިރު އެތަނަށް ލޭ އަޅާފައި ހުރިތަން ފެނިފައިވާ ކަމަށެވެ. އެލޭ އަޅައިފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެލެވެނީ ރޭ ދަންވަރު ބަޔަކު ކުރި ކަމެއް ކަމަށް. އެއްގޮތަކަށް ވެސް ނޭނގޭ ކޮން ބައެއް ކަމެއް،" އޭނާ ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ އެ މަސައްކަތަކީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.

"އެއީ ހަމަ ގައިމުވެސް ރޭ ކަނޑާފަހުރި މަހުގެ ލެއެއް ނޫން. ބަޔަކު ހަމަ އެކަމަށް ހާއްސަކޮށްގެން ކުރީންވެސް ތައްޔާރުވެގެން ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ،" އޭނާ ވިދާޅުވިއެވެ.

ފާއިޒު ވިދާޅުވިގޮތުގައި އެފަދަ ކަމެއް ކުރަންވީ އެއްވެސް ސަބަބެއް ނޭނގޭ ކަމަށެވެ. ނަމަވެސް ރަށު ކައުންސިލު އިދާރާގައި ސެކިއުރިޓީ ގާޑެއް ވެސް ނެތް ކަމަށް އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ފުލުހުންނާއި ކައުންސިލުން ގުޅިގެން މިހާރު އެ ސަރަހައްދު ސާފުކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ފާއިޒު ވިދާޅުވިއެވެ.