ރާއްޖެ ގެނެސްފައިވާ ފައިޒާ ވެކްސިން ދޭނީ މާލޭގެ 16 އަހަރުން މަތީގެ ހާއްސަ ހާލަތްތަކުުގައި ތިބި މީހުންނަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ކޮވިޑް-19 ވެކްސިންސް ގްލޯބަލް އެކްސެސް (ކޮވެކްސް) ފެސިލިޓީގެ ދަށުން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަނީ ރާއްޖެއަށް 5500 ޑޯޒްގެ ފައިޒާ ވެކްސިން ގެނެސްފައެވެ.
އެޗްޕީއޭ އިން ބުނީ ފައިޒާ ވެކްސިނަކީ ފިނިހޫނުމިން 70- ޑިގްރީގައި ބަހައްޓަންޖެހޭ ވެކްސިނެއްކަމުގައިވާތީ މި ވެކްސިން މައިގަނޑުގޮތެއްގައި ޖަހާނީ މާލޭގައި ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ފައިޒާ ވެކްސިންގެ ޑޯޒްތައް ދިނުމަށް ހަމަޖެހިފައިވަނީ ހާއްސަ ހާލަތްތަކެއްގައިވާ ފަރާތްތަކަށް އެކަނި ކަމަށެވެެ. އެގޮތުން މި
ވެކްސިންދިނުމަށް ކަނޑައަޅާފައިވަނީ ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށްވެފައިވާ މީހުންނަށް ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ފައިޒާ ވެކްސިނަކީ އުމުރުން 16 އަހަރުންމަތީގެ މީހުންނަށް ދެވޭ ވެކްސިނަކަށްވާތީ، އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންގެ ތެރެއިން ބޮޑެތި ބަލިތައް ހުންނަ ކުދިންނަށް މި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ހާއްސަ ހާލަތްތައް މެދުވެރިފައިވާ މީހުން ފައިޒާ ވެކްސިން ޖެހުމަށް ރެޖިސްޓާވުމަށް އެދިފައެވެ. އަދި މި ވެކްސިން ޖަހަމުންގެންދާނީ ރަޖިސްޓާވާ ފަރާތްތަކަށް އަންގާ ވަގުތު ހަމަޖައްސައިގެން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
ވެކްސިން ދޭނީ ރާއްޖެއަށް ލިބިފައިވާ ފައިޒާ ވެކްސިންގެ މުޅި އަދަދުން ދެ ޑޯޒް ފޯރުކޮށްދެވޭނެ އަދަދަށް ބަލައިގެން ކަމަށާއި މި ވެކްސިން ދިނުމުގައި އުމުރުން ދޮށީ ފަރާތްތަކަށް އިސްކަންދޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.