މާލެ ސަރަހައްދުގައި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމައްޗަށާއި އާންމު ތަންތަނަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ކޮވިޑަށް އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދީފި އެވެ.
ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި މިއުދު ނެރެފައިވާ އެންގުމެއްގައި ވަނީ، ކޮވިޑް ފެތުރުން ހުއްޓުވަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން އަށް ކަމަކަށް ލުއި ދިނުމަށް ނިންމާފައިވާ ކަމަށް ބުނެފަ އެވެ.
ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ހާއްސަ ހާލަތްތަކުގައި، އޭނާ އަންގާ ގޮތެއްގެ މަތިން އަމަލު ކުރެވޭނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ބަަލައި އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، ފުލުހުންނާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"މަތީގައިވާ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަމެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރާން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ
ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގަމެވެ،" އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމުގައި ވަނީ ބުނެފަ އެވެ.
އެޗްޕީއޭ އިން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް މާލެ ސަރަހައްދުން ފެންނަ ކޮވިޑް ކޭސްތައް މަދެއް ނުވެ އެވެ.