ޅ. ނައިފަރާއި ކ. ހުރާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާތީވެ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ދެ ރަށުގައި ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
ނައިފަރުގައި އެންމެ ފުރަތަމަ ކޮވިޑް ކޭސްއެއް ފެނިފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުއެވެ. އެ ކޭސްއާ ގުޅިގެން އެރަށް މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތްއިރު، މިއަދުގެ ނިޔަލަށް އެރަށުން ވަނީ 72 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ހުރާ އިން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ ރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެރަށުން މިއަދުގެ ނިޔަލަށް ވަނީ 104 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވާފައިވާ އިއުލާނުގައި ވަނީ ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިއަށް އޮތް ހަތް ދުވަހަށް ނައިފަރާއި ހުރާގައި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، އަތޮޅުތެރޭގެ ރަށްތަކުގައިވެސް ވަނީ ބޮޑެތި ކްލަސްޓާތައް އެފެދިފައެވެ. އެގޮތުން މިހާރުވެސް 13 ރަށެއް މޮނީޓަރިންގެ ހާލަތުގައި އެބަ އޮތެވެ. އަދި ބައެއް ރަށްރަށުގައި ކޭސްތަކުގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
އަތޮޅުތެރޭގެ ރައްޔިތުން ފަރުވާ ކުޑަ ނުކުރުމަށާއި ހެދިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މާސްކް އެޅުމަށާއި ހެލްތު ޓާސްކްފޯސްތަކުގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.