ރިފާ ހަލީލު
ސީޝެލްސް އިން ފުރައިގެން ތައިލެންޑްގެ ޕުކެޓަށް ދަތުރުކުރި ސެއިލިން ޔޮޓެއް ހާލުވައި ޖެހުމުން ދިވެހި ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެމްއެންޑީއެފުން ބުނީ ބޭރުގެ ސެއިލިން ޔޮޓޯ" ލަގާން" ރާއްޖޭގެ ސާޗް އެންޑް ރެސްކިއު ސަރަހައްދުގެ ތެރެއިން ހާލުގައި ޖެހުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށެވެ.
ގއ. ވިލިނގިލީ އިރުން 26 ނޯޓިކަލް މޭލު ބޭރުން މި ޔޮޓް ހާލުގައި ޖެހިގެން އުޅޭ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ މެންދުރުފަހު 14:55 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ ޔޮޓް ހާލުގައި ޖެހުނު ސަރަހައްދުން ދަތުރުކުރި އާގު ބޯޓު "އެކޯސަވާނާ" އާއި އިޓަލީގެ އެމްއާރުސީސީ ރޯމާ އާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ކުރި މަސައްކަތުން މި ޔޮޓު ސަލާމަތް ކުރެވިފައިވާ ކަމަށެވެ.
މި ޔޮޓު ވިލިނވިލީ ބަނދަރަށް ވައްދާފައިވާ ކަމަށާއި ޔޮޓުގައި ތިބި ދެމީހުންވެސް އަނިޔާއެއް ނުލިބި ސަލާމަތް ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.