ލައިފް ސްޓައިލް

މޭގަން މާކަލް ގެންގުޅުނު ވަގު އިންސްޓަގްރާމް އެކައުންޓް ޑިލީޓްކޮށްފި

މޭކަލް މާކަލް ވަގު އިންސްޓަގްރާމް އެކްއުންޓެއް ގެންގުޅުނު ކަން އެނގޭ ހެއްޔެވެ؟

ހަމަ އަޑުއެހިތާ ދޯއެވެ. އެންމެނަށްވެސް އެނގޭ ގޮތުގައި 'ސޫޓްސް' ކުޅުނު އިރު މޭގަން މީސް މީޑިއާގައި ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވިއެވެ. ނަމަވެސް ޝާހީ އާއިލާއާ ގުޅުމާއެކު އެހުރިހާ އެކައުންޓްތަކެއް ބަންދުކޮށް ޑިލީޓްކުރިއެވެ.

ނަމަވެސް ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދާދި ފަހަކާ ޖެހެންދެންވެސް މޭގަން ވަނީ ވަގު އިންސްޓަގްރާމް އެކައުންޓެއް އޭނާގެ ގާތް ރަހުމަތްތެރިން ފޮލޯ ކުރުމަށް ގެންގުޅެފައެވެ. އަދި މި އެކައުންޓް ޑިލީޓްކޮށްފައި ވަނީ މިދިޔަ މަހު އެވެ. ސަބަބެއް ކަމަށް ވަނީ މޭގަންގެ ނަފްސާނީ ދުޅަހެޔޮކަމަށް އޭގެން އަސަރު ކުރާތީ އެވެ. މޭގަންއާ ގުޅޭގޮތުން ހަޑި ހުތުރު ކޮމެންޓް ތަކާއި ޓްރޮލްސް ފެނިފައި މޭގަންއަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް ވެއެވެ.

މިހާރަކަށް އައިސް މީސް މީޑިއާގައި މީހުންގެ އަބުރަށާއި ކަރާމާތަށް އަރައިގަތުން އާންމުވެފައިވާއިރު އަދި މޭގަންގެ ދިރިއުޅުމުގައި ގިނަ މައްސަލަ ތަކެއްވެސް ކުރިމަތިވެފައިވާތީ އެހުރިހާ ކަމަކުން ރައްކާތެރިވުމަށް މޭގަން އޭނާގެ ވަގު އެކައުންޓް ބަންދު ކުރީ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

މޭގަން ވަގު އެކައުންޓް ބަންދު ކުރި ދުވަަސްވަރު ވަނީ އިންސްޓަގްރާމުގައި ދިމާވި މައްސަލައަކާ ގުޅިގެން އޭނާގެ ކުރީގެ އެކައުންޓް އެކްޓިވޭޓްވެފައެވެ. ނަމަވެސް އެކަމަކީ "ގްލިޗް"އަކުން ދިމާވި ކަމެއް ކަމަށް ފޭނުންނާ ވަނީ ހިއްސާކޮށްފައެވެ.