އިބްރާހިމް ޒަކީ
ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަތު ތަކުގެ، ހިޔާނާތާ ގުޅޭ ގޮތުން ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށާއި، އެ މައްސަލައާ ބެހޭ ހުރިހާ މައުލޫމާތެއް ބޭނުން ކޮންމެ ފަރާތަކަށް ދެއްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަސީމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު ކުރެއްވި ސުވާލަކަށް ޖަވބު ދެއްވަމުންނެވެ.
ހަލީމް މިނިސްޓަރާ ސުވާލު ކުރެއްވީ ވެންޓިލޭޓަރު ގަތުމަށް ފޮނުވާފައިވާ ފައިސާ އަނބުރާ ލިބޭނެތޯ ނުވަތަ، ވެންޓިލޭޓަރު ލިބޭނެތޯ އޮޅުން ފިލުއްވުމަށެވެ.
ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމު ވިދާޅުވީ، ވެންޓިލޭޓަރުގެ މައްސަލައަކީ އޭނާ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުުގެ ކުރިން ހިނގާފައިވާ ކަމެއް ކަމަށާއި، އެކަމާބެހޭ ތަފުސީލީ މައުލޫމާތު ލިޔުމުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
ވެންޓިލޭޓަރު މައްސަލައިގެ ކަންކަން ފޮރުވުމަށް އޭނާ މަސައްކަތްކުރާކަމަށް ހީކޮށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ ކަމަށާއި، ނަމަވެސް އެކަމުގައި ފޮރުވާނެ އެއްޗެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ.
ނަސީމު ވިދާޅުވީ، "އެކަމާބެހޭ ހުރިހާ ލިޔުމެއް ތިބޭފުޅުން ބޭނުންފުޅުވާ ކޮންމެ އިރަކު ލިބޭނެ. ފޮރުވިފައިވާ އެއްޗެއް ނޯންނާނެ، އެހެން ފަރާތަކަަށް ބޭނުންވިޔަސް އެ މައުލޫމާތުތައް ލިބޭނެ،" ކަމަށެވެ.
މިނިސްޓަރު ނަސީމު މިހެން ވިދާޅުވެފައިވާއިރު، ވެންޓިލޭޓަރު ކޮރަޕްޝަން ހިނގާފައި ވަނީ ސަރުކާރުގައި ހިމެނޭ ފަރާތްތައް ބައިވެރިވެގެންކަމަށް ބައެއް ފަރާތްތަކުން އަންނަނީ ތުހުމަތު ކުރަމުންނެވެ.
އެ މައްސަލައިގައި ދައުވާ ނުކުރުމުން ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމާއި، އެ މައްސަލ ތަހުގީގު ކުރި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސްގެ އިސްތިއުފާއަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ގޮވާލައްވައިފައެވެ.
ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރުމަށްޓަކައި މައްސަލަ އިތުރަށް ބެލުމަށް ޕީޖީ ޝަމީމު މިހާރު ވަނީ ނިންމަވައިފައެވެ.