މާލޭގައި ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތި ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ މާރުކޭޓް ފަދަ ތަންތަން ހިންގަމުން ގެންދަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް، އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދާ އިސްޕެކްޝަން ތަކުގެ އިތުރު ބުރެއް، މާލޭ ސަރަހައްދުގައި މިއަދު ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ, މި އިންސްޕެކްޝަންގައި "ތަރުކާރީ އާއި މޭވާ ފަދަ ކާބޯތަކެތިގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރުމުގެ ގަވާއިދު"ގެ ދަށުން މުދާ ވިއްކާ ފިހާރަ، ބޭކަރީ، ކެންޓީނު، ސައިހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކެފެޓީރިއާ ފަދަ ތަންތަން ފިޔަވައި، ތަރުކާރީ އާއި މޭވާ ހިމެނޭ ގޮތަށް ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހިންގާ ތަންތަން އިންސްޕެކްޓް ކުރާނެ ކަމަށެވެ.
އެގޮތުން މި އިންސްޕެކްޝަންތަކުގައި އެފަދަ ކާބޯތަކެތިގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ކުރާ މާރުކޭޓްތައް ހިންގަމުން ދަނީ، ގަވާއިދުގައި ވިޔަފާރި ހަރަކާތް ހިންގާ ތަނުގައި ހުންނަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތަތަކާ އެއްގޮތަށްތޯ ބަލާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ, މި އިންސްޕެކްޝަނުގައި އެފަދަ ތަންތަނުގައި ބިދޭސީން މަސައްކަތް ކުރަމުން ދަނީ, ވަޒީފާއާބެހޭ ގާނޫނުގެ 65 ވަނަ މާއްދާގެ (ނ) ގެ ދަށުން ހަދާފައިވާ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ހުއްދަ ހޯދައިގެންތޯ ވެސް ބަލާނެ ކަމަށެވެ.
ގަވާއިދުގައި ބަޔާން ކޮށްފައިވާ ޝަރުތުތައް ހަމަ ނުވާ ނަމަ, ގަވާއިދާ ހިލާފަށް ހިންގާ ތަންތަނާ މެދު އެގަވާއިދުގައި ވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.