ޚަބަރު

ދައުރު މެދުން އިސްތިއުފާދޭ މީހަކަށް އަޅުގަނޑު ނުވާނަން: ޒިޔާދު

މަރިޔަމް ޝަހުދާ

2

ރައްޔިތުން ސިޔާސީ އެކި މަގާމުތަކަށް ހޮވާ ބައެއް ބޭފުޅުން ވަކި ހިސާބަކުން އިސްތިއުފާ ދެއްވައި ނުވަތަ އެނޫން ވެސް ސަބަބަކާ ހެދި ރައްޔިތުންނަށް ގެއްލޭ ހިސާބަށް އެބަދޭ ކަމަށާއި އެފަދަ މީހަކަށް ނުވާނެ ކަމަށް މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލައްވާފައިވާ އަބްދުﷲ ޒިޔާދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ނަޝީދަށް އިޝާރާތް ކުރައްވައި ޒިޔާދު މިމޭރުމުން ވާހަކަދެއްކެވީ ރޭ، ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ޒިޔާދު ވިދާޅުވީ އެއްޕާޓީ އަނެއްޕާޓީއާ ދޭތެރޭ ޖަހާ ސަކަރާތުން ފިތެނީ ރައްޔިތުން ކަމަށާއި ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ ރައްޔިތުން ވަރަށް ގިނަ ކަމަށެވެ. އޭނާ ވިދާޅުވީ ކޮންމެ ސަރުކާރަކުން ސަރުކާރު ހިންގި ނަމަވެސް ރައްޔިތުންގެ އިހުސާސްތައް ދަންނަން ޖެހޭ ކަމަށެވެ.

އޭނާ ވިދާޅުވީ ދާއިރާގެ މެންބަރުކަމަށް ހޮވޭ މެންބަރެއްގެ ވަރަށް ގިނަ މަސްއޫލިއްޔަތުތަކަކާއި ޒިންމާތަކެއް ހުންނަ ކަމަށާއި އެހެން ނަމަވެސް އެޒިންމާ އާއި މަސްއޫލިއްޔަތު އެންމެ ރަނގަޅު ގޮތުގައި އަދާކުރެއްވެނީ މަދު މެންބަރަކަށް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި. ދާއިރާއަށް ޓަކައި ވެސް ކޮށްދޭން ޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި. އެހެން އެކަންކަން ހުއްޓާ ހޮވޭ މީހާވެސް އެބަގެއްލޭ. އެހެން ގެއްލޭ މީހަކަށް އަޅުގަނޑު ނުވާނަން." ޒިޔާދު ވިދާޅުވި އެވެ.

މީގެ އިތުރުން ޒިޔާދު ވަނީ މަޖިލީހަށް ކޮންމެހެން ވަކި ޕާޓީއެއްގެ ބަޔަކު ހޮވުން މުހިއްމު ނޫންކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި ވަކި ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ހޮވައިގެން ދާއިރާއަށް ވަކި ކުރިއެރުމެއް ނުލިބޭނެއެވެ. ނަމަވެސް މުހިއްމީ ދާއިރާއަށް އިހްލާސްތެރި ބޭފުޅަކު ހޮވުންކަމަށް ޒިޔާދު ވިދާޅުވި އެވެ.

ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ޒިޔާދު އިތުރަށް ވިދާޅުވީ އެއީ މައްޗަންގޯޅީ މެދު ދާއިރާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫން ކަމަށާއި ނަޝީދަކީ ގަލޮޅު ބޭފުޅެއް ޖަނަށެވެ. އެހެން ކަމުން ދާއިރާގެ ދައިރަޔަކަށް ފުރުސަތު އޮތުން މުހިންމު ކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދަކީ މި ވަގުތު އެމްޑީއޭގެ ގައުމީ ކައުންސިލް މެންބަރެކެވެ. އަދި އޭނާ އަކީ އެ ޕާޓީގެ އިޖުތިމާއީ ކައުންސިލްގެ ރައީސް އެވެ. ޒިޔާދަކީ ކުރީން އެމްޑީީގެ އިސް އެކްޓިވިސްޓެކެވެ. އެ ގޮތުން އޭނާ ވަނީ އެމްޑީޕީގެ މާލޭގެ މަޝްހޫރު ގޮތްޕެއް ކަމަށްވާ "އަދަބީ ޗަމަން"ގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟