ކުރީގެ ޑިފެންސް މިނިސްޓަރު ރިޓަޔާޑް ކާނަލް ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުން ހަތިޔާރު ފެނުނު މައްސަލަ އަލުން ބަލައިދިނުމަށް އޭނާ އެދުމުން ފުލުހުން އަލުން އެ މައްސަލައިގެ ތަހުގީގު ފަށަން ނިންމައިފިއެވެ.
ނާޒިމްގެ އެދުމުގެ މަތިން ފުލުހުން އަލުން އެ މައްސަލަ ބެލުމަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ ފުލުހުން މިރޭ ކުރި ޓުވީޓެއްގައެވެ.
ކާނަލް ނާޒިމް ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލާގައި ކާނަލް ނާޒިމްގެ މައްޗަށް 11 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ކާނަލް ނާޒިމް ފްރޭމް ކުރި މައްސަލަ އޭނާ ފުލުހަށް ހުށަހަޅާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެ މައްސަލަ ބަލާނެކަމުގެ ޔަގީންކަން އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވާފައިވާ ކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފައެވެ.