ޚަބަރު

މާފުށީ ކަރަންޓު ފޮއްޓެއްގައި ރޯވެ ރަށުގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ

މަރިޔަމް ޝަހުދާ

ކ. މާފުށީ ކަރަންޓު ފޮއްޓެއްގައި ރޯވެ ރަށުގެ ބަޔަކުން ކަރަންޓު ކެނޑިއްޖެ އެވެ.

މާފުށިގެ ކައުންސިލްގެ ރައީސް އުސްމާނު ރަޝީދު ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ މިރޭ 7:30 ހާއިރު ކަމަށެވެ. މިހާދިސާގައި ރޯވި ކަރަންޓު ފޮށި ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ އިރު، ކަރަންޓު ކެނޑިފައިވަނީ މި ފޮށިން ކަރަންޓް ފޯރުކޮށްދޭ ހިސާބުން ކަމަށް އުސްމާނު ވިދާޅުވިއެވެ.

މީގެ އިތުރުން ކަރަންޓު ކެނޑުމުން އެމައްސަލަ ހައްލުކުރުމަށް މާފުށީގައި މިހާރު މަސައްކަތް ކުރަމުން އަންނަ ސްޓެލްކޯގެ މުވައްޒަފުންނާ ހަވާލާދީ އުސްމާނު ވަނީ އަލުން އަނބުރާ ކަރަންޓު ކެނޑިފައިވާ ހިސާބަށް ކަރަންޓު ފޯރުކޮށްދެވެން ހަ ގަޑިއިރު ނަގާނެކަމަށް ވިދާޅުވެފައެވެ.

އުސްމާން ވިދާޅުވީ ކަރަންޓު ފޮށީގައި އަލިފާން ރޯވެފައިވަނީ އެ ކަރަންޓު ފޮށި ކުޑަވުމުގެ ސަބަބުން އެ ފޮށިން ކަރަންޓު ފޯރުކޮށްދޭ ހިސާބަށް ކަރަންޓު ފޯރުކޮށްދިނުމަށް އެހެން ފޮއްޓެއް އެހިސާބުގައި ގާއިމުކޮށް، އެ ފޮށި ބޭނުން ކުރުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.