ކިއުބާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހުވާނާ އެލޭނާ ރާމޯސް ރޮޑްރިގެޒް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކިއުބާގެ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. ހަމައެއާއެކު ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ކިއުބާގެ ސަރުކާރަށާއި އެގައުމުގެ ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ކުއުބާގެ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރުމުގެ އިތުރަށް ދެގައުމުގެ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި މިގުޅުން ކުރިއަށް އޮތްތާނގައިވެސް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށް ހާމަކުރައްވާފައެވެ. އަދި ފަތުރުވެރިކަމާއި ސިއްހީ ދާއިރާ ފަދަ ދެގައުމަށްވެސް ފައިދާ ކުރާނެ ކަންކަން ހިމެނޭ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުން ލިބޭނެ ގޮތްތަކާމެދު ދެ ބޭފުޅުންވެސް ވަނީ މަޝްވަރާ ކުރައްވައިފައެވެ.
މީގެ އިތުރުން މި ބައްދަލުވުމުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.