ފަރެސްމާތޮޑާގެ ދާއިރާގެ ވޯޓުފޮށިތަކުގެ މައްސަލަ ތަކުރާރުކޮށް ކެންޑިޑޭޓުން ކުރަމުންދާތީ އެ މައްސަލަތަކަށް ގައުމީ މަޖިލީހުން ގޮތެއް ނިންމުމަށް، ޕާޓީގެ ޗެއާޕާސަނަށް ހުށަހެޅުމަށް އެމްޑީޕީ މަޖިލިސް ޕްރައިމަރީއާ ގުޅޭ ޝަކުވާ ކޮމިޓީން ނިންމައިފިއެވެ.
އެމްޑީޕީން ބުނީ ވޯޓު ލީ ދުވަހު، 48 ފަރާތަކުން ގދ. ރަތަފަންދޫގައި ވޯޓު ކަރުދާސް ފާޅުގައި ދެއްކި ކަމަށް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް، އަލީ ޝާމް، ޝަކުވާ ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅާފައި ވަނިކޮށް، ދާއިރާގެ އެހެން ކެންޑިޑޭޓުން ކަމުގައިވާ ހަމްދޫން އަބްދުﷲ އާއި ފަރީޝާ އަބްދުﷲ ވެސް އެ މައްސަލަ އަދި އެހެން މައްސަލަތަކެއް އިތުރު ހެއްކާއެކު ހުށަހަޅާފައިވާ ކަމަށެވެ.
ފަރީޝާ އަބްދުﷲއާއި ހަމްދޫން އަހްމަދު، ވަކިވަކިން ކުރެއްވި ޝަކުވާގައި ވިދާޅުވާ ގޮތުގައި ވޯޓަކީ ސިއްރު ވޯޓެއްކަމުގައިވީ ނަމަވެސް، ރަތަފަންދޫގައި ވޯޓުލީ ބައެއް ފަރާތްތަކުން ވޯޓު ކަރުދާހުގައި ފާހަގަލުމަށްފަހު އެ ވޯޓު ކަރުދާސް ވޯޓުލާ މަރުކަޒުގެ ބޭރުގައި ތިބި ފަރާތްތަކަށް ދައްކާފައިވެއެވެ. އެކަން އެހެން ހިނގަމުން ދިޔަ ނަމަވެސް އެކަން ވަނީ ނުހުއްޓުވި ކަމަށެވެ. އަދި ރަތަފަންދޫގައި ބެހެއްޓިފައިވާ ފޮށްޓައް ލައިފައިވާ ވޯޓެއް ނަގައި، ވޯޓު ކަރުދާސް ވީދާލުމަށްފަހު އަލުން އިތުރު ކަރުދާހެއް ހޯދައި ވޯޓުލައިފައިވާ ކަމަށް ވެސް ޝަކުވާ ހުށަހެޅި ކެންޑިޑޭޓުން ފާހަގަކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.
އޭގެ އިތުރުން މާލޭގައި ވޯޓުލީ މަރުކަޒު ކަމުގައިވާ އަމީނިއްޔާ ސްކޫލުގެ ކްލާސް 6ޑީ ގައި ހުރި ފޮށްޓަށް، ގަދަވެ ސަލާމަތުން ހުރި މީހަކުގެ ވޯޓު، އެހެން ފަރާތަކުން ލުމާއި ދެމީހެއްގެ ވޯޓުގައި އެކަކު ފާހަގަޖެހުމުގެ މައްސަލަ ވެސް ހަމްދޫން އަބްދުﷲ ހުށަހަޅާފައިވެއެވެ. އަދި ވޯޓުގެ ކުރީ ދުވަހު ރަތަފަންދޫގެ ގޭބިސީތަކަށް 5000 ރުފިޔާގެ މަގުން، އެހެން ޕާޓީތަކުން ބަހާފައިވާ ކަމަށާއި ވަކި ކެންޑިޑޭޓެއް ހޮވުމަށް އެހެން ޕާޓީތަކުން ހަ ލައްކަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މައްސަލަ ބަލައި ކޮމިޓީއަށް ބަޔާން ދިން ފަރާތަކުން ބުނެފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ އެ ކަންކަން އެހެން ހުރުމުން ޝަކުވާ ކޮމިޓީން ނިންމާފައިވަނީ އެ މައްސަލަތަކަށް ގޮތެއް ނިންމައި، ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓު ކަމުގައިވާ ފަތުހުﷲ އަހްމަދުގެ ކެންޑިޑަސީ ބާތިލުކުރުމަށް ނުވަތަ ވޯޓު އަލުން ނެގުމަށް ގައުމީ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ އެ މަޖިލީހަށް، ޗެއާޕާސަން މެދުވެރިކޮށް ހުށަހެޅުމަށް ކަމަށެވެ.