މުހައްމަދު އައުޒަމް
ސްކޫބާ ޑައިވިންގ ހިދުމަތް ދޭއިރު ރަޖިސްޓްރީ ކޮށްގެން ދިނުމަށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފިއެވެ.
ރާއްޖޭގައި ސްކޫބާ ޑައިވިންގ ހިދުމަތްދޭ ފަރާތްތަކުން މިނިސްޓްރީ އޮފް ޓޫރިޒަމް ގައި ރަޖިސްޓްރީކޮށްގެން ހިދުމަތް ދިނުމަށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިލްތިމާސް ކޮށްފައި މިވަނީ ފަހަކަށް އައިސް ހިނގާ ހާދިސާތަކުގައި ލިބޭ ގެއްލުން ކުޑަ ކުރުމަށާއި މީހުންގެ ފުރާނަ ރައްކާތެރި ކުރުމަށް ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ސެކްރެޓަރީ ޖެނެރަލް މުހައްމަދު އިގްނާޒް ވިދާޅުވީ ރިސޯޓު ތަކާއި ގެސްޓް ހައުސްތަކުން މިފަދަ ހިދުމަތް ދިނުމުގައި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށާއި މިކަމުގައި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އިގްނާޒް ވަނީ ގިނަފަރާތްތަކުން މިހާރުވެސް އޮޕަރޭޓް ކުރަމުންދަނީ ގަވާއިދާ އެއްގޮތަށްކަން ފާހަގަކޮށްފައެވެ.
ވަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސް އިސްމާއިލް ހަމީދު ވިދާޅުވީ މިހާރުވެސް ގިނަ މެމްބަރުން އޮޕަރޭޓް ކުރަނީ ގަވާއިދާ އެއްގޮތަށް ކަމަށާއި ނަމަވެސް ކަމެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމު ކަމަށެވެ.
އިސްމާއިލް ހަމީދު އިތުރަށް ވިދާޅުވީ ރާއްޖެއިން ބޭރުން އަންނަ އުޅަނދުތައްވެސް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށާއި ހާއްސަކޮށް އެފަދަ ބޯޓުތައް ރާއްޖެއަށް ވަދެ ދަތުރު ކުރާއިރު ތަޖުރިބާ ހުރި ދިވެހި ގައިޑުން ބޭނުން ކުރުން މުހިންމު ކަމަށެވެ. އެއީ ދިވެހި ކަނޑުތައް ބޮޑަށް އިނގޭނީ ދިވެހިންނަށް ކަމަށް ވާތީ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.
" ބައެއް ސުޕަރ ޔޮޓް ފަދަ އުޅަނދުތަށް ފަދަ އުޅަނދުތަކުގައި އޮޕަރޭޓް ކުރާ ޑައިވިން ހިދުމަތް ފަދަ ހިދުމަތްތަށްވެސް އިސޫލް ތަކުގެ ތެރެއިން ކުރުން އެއީ ވަރަށް މުހިންމު ކަމެއް، އަޅުގަނޑުމެން އެދެނީ އެންމެންވެސް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އާއި ގުޅިގެން އެކުގައި ހުރި މައްސަލަތަށް ހައްލު ކުރުން.. " އިސްމާއިލް ހަމީދު ވިދާޅުވިއެވެ.
ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ވަނީ މިދާއިރާގައި އުޅުއްވާ ފަރާތްތައް އިންޝުއަރެންސް އަދި އެހެނިހެން ކަންކަމުގައިވެސް ހޭލުންތެރިކުރުމަށް މަސައްކަތް ކުރަމުން ނެވެ. އެގޮތުން ކޮންމެ އަހަރަކުވެސް ސްޓޭ ސޭފް އަ ފްލޯޓްގެ ޕްރޮގްރާމްތަށް ވެސް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ދަނީ ބާއްވަމުންނެވެ.
ސްކޫބާ ޑައިވިންގ ހިދުމަތަށް ރަޖިސްޓްރީ ކުރުމާއި އެކަމުގައި މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އީމެއިލްއަށް އީމެއިލް ކުރުމަށް އެފަރާތުން އެދެއެވެ.
2007 ވަނަ އަހަރު އުފެދުނު ލިވްއަބޯޑް އެސޯސިއޭޝަން މިދިޔަ ޑިސެމްބަރުގައި ވަނީ ގައުމީ ޖަމިއްޔާއަކަށް ބަދަލުކޮށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ނަމުގައި މަސައްކަތް ފަށާފައެވެ.
ޓުއަރިޒަމް މިނިސްޓްރީ އިން 2003 ވަނަ އަހަރު އެކުލަވާލައިފައިވާ ޑައިވިންގ ގަވާއިދުގެ 46 ވަނަ މާއްދާގައި އެމިނިސްޓްރީގެ ގަވާއިދާއި ހިލާފްވާ ފަރާތްތައް 1،000،000 ރުފިޔާއަށް ވުރެން ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން ކަމުގެ ކުޑަބޮޑުމިނަށް ބަލައި ދީފައިވާ ހުއްދަ ބާތިލް ކުރުމުގެ ބާރުވަނީ ދީފައެވެ.