ޚަބަރު

ފޯސީޒަން ކުޑަހުރާގައި ވަޒީފާއަށް ނިކުތް ސިކު ޝެފް ރިޒޯޓުން ފޮނުވާލައިފި

އަހުމަދު ޖައިޝަން

ފޯ ސީޒަންސް ކުޑަހުރާގައި ތުނބުޅި ބެހެއްޓި އިންޑިއާގެ ސިކުންގެ މީހަކު ވަޒީފާއަށް ނިކުތް މައްސަލައިގައި މުވައްޒަފުން މައްސަލަ ޖައްސާފައިވަނިކޮށް އޭނާ ރިޒޯޓުން ފޮނުވާލައިފި އެވެ.

ފޯ ސީޒަންސް ކުޑަހުރާގައި މުވައްޒަފުން ތުނބުޅި ބެހެއްޓުމަކީ މަނާކަމެކެވެ.

ނަން ހާމަކުރަން ބޭނުން ނުވާ މުވައްޒަފެއް "ވަން އޮންލައިން"އަށް ވަނީ އޭނާ ފޮނުވާލާފައިވާކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފޯ ސީޒަންސްގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

އިންޑިއާގެ އެ ޝެފު ކުޑަހުރާގެ ވަޒީފާއަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. އަދި އޭނާ ޑިއުޓީއަށް ނިކުމެފައިވަނީ ބުރާސްފަތި ދުވަހުގައެވެ.

އެ ރިޒޯޓުގެ އެހެން މުވައްޒަފަކު މީގެކުރީން ވަންއަށް ކިޔައިދީފައިވާގޮތުގައި ގަވައިދު އޮންނަ ގޮތުން އެއްވެސް މުވައްޒަފު ތުނބުޅި ބެހެއްޓުމަކީ މަނާ ކަމެކެވެ.

"މި ރިޒޯޓުގެ ހޭންޑްބުކްގަ ގައިޑްލައިން އޮންނަ ގޮތުން އެއްވެސް މުވައްޒަފަކަށް ތުނބުޅިއެއް ނުބެހެއްޓޭނެ. އެ ގަވައިދަށް ހުރިހާ މުވައްޒަފުންވެސް އުޅެމުން އަންނަނީ. ދިވެހީން ވެސް ދެން މިތާ ތިބި ހުރިހާ ބިދޭސީ މުވައްޒަފުން ވެސް އަމަލުކުރަނީ އެ ގައިޑްލައިނަށް." ވަން އަށް މައުލޫމާތު ދިން މުވައްޒަފު ބުންޏެވެ.