ޚަބަރު

މަޖިލިސް ރައީސް ގަނާ ކުރެއްވި ކަމަށް މެމްބަރު ޝަރީފު ތުހުމަތު ކުރައްވައިފި

އިބްރާހިމް ޒަކީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް ގަނާ ކުރެއްވި ކަމަށް، އޭނާ ތުހުމަތު ކުރައްވައިފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިނިސްޓަރާ ސުވާލު ކުރުމަށް ހަމަޖެހިފައިވާ ވަގުތުގައި، ހައުސިން އެންޑް އިންފްރާންސްތްރަކްޗާ މުހައްމަދު އަސްލަމަށް، ޝަރީފު ކުރެއްވި ސުވާލަކާ ގުޅިގެން ހިނގައިދިޔަ ކަމެކެވެ.

މިނިސްޓަރާ ސުވާލު ކުރެއްވުމަށް ޝަރީފަށް ދިން ފުރުސަތުގައި، އައްޑޫ ސިޓީގައި ފާހާނާ ހޮޅިތައް އަޅާފައި އޮންނަތާ ވަރަށް ޒަމާންވެފައިވާއިރު، އަދިވެސް އެ ހިދުމަތް ރައްޔިތުންނާ ހިސާބަށް ފޯރާފައި ނުވާތީ، އެކަން ނިންމޭނީ ކޮން ތާރީހެއްގައިތޯ އާއި އިންޑިޔާ ސަރުކާރުގެ އެހީގެ ދަށުން އައްޑޫ ސިޓީގައި ފައްޓަން ނިންމާފައި އޮތް ބިން ހިއްކުމާއި މަގު ހެދުމުގެ މަސައްކަތުގެ އަމަލީ ބައި ފެށޭނެ ތާރިހަކާއި ނިމޭނެ ތާރީހެއް ވިދާޅުވެދެއްވުމަށް އެދިވަޑައިގެން މިނިސްޓަރާ ސުވާލު ކުރެއްވިއެވެ. އަދި އެ ކަންކަމަކީ ރައްޔިތުން ވަރަށް ކަންބޮޑުވާކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޖަވާބު ދެއްވަމުން މިިނިސްޓަރު އަސްލަމް ވިދާޅުވީ، އައްޑޫގެ މަރަދޫ، މަރަދޫ ފޭދޫގައި އަޅާފައި އޮތް ނަރުދަމާގެ ނިޒާމުގައި މަގުތައް ކަނޑައި "ރީސާފޭސް" ކުރުމުގެ މސައްކަތާ ހަމައަށް އައިއިރު މުސްތަގުބަލުގައި، އަޅަން ޖެހޭ ހޮޅިތައް އެޅުމަށް އަލުން މަގު ކަނޑަން ޖެހޭނެ ކަމަށް ކައުންސިލަށް ފާހަގަ ކުރެވިގެން މަޝްވަރާކޮށް، ފެނަކައާ ހަވާލުކޮށްފައިވާ ކަމަށެވެ.

"މިހާރު ރީސާފޭސް ކުރުމުގެ ކުރިން އެކަންތައް ކުރިއަށް ދަނީ، ރީސާފޭސް ކުރުގެ ކުރީގައި އެ އަޅައި ދިނުމަށް އެހެންވީމާ އެކަން ކުރީމަ، އެއާ އެކީގައި އެމަސައްކަތް އެބަ ކުރިއަށްދޭ، ދެން އިންޑިއާގެ އެލްއޯސީގެ ދަށުން ބިން ހިއްކުމާއި މަގުތައް ހެދުމުގެ، ކޮންޓްރެކްޓްގައި ވަނީ ސޮއިކޮށްފަ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއަށްފަހު މިނިސްޓަރު ވިދާޅުވީ، އެމްޑީޕީގެ ކައުންސިލް ކެމްޕެއިނަށް ކުރިއަށް ގެންދާ، ރަށްވެހި ފަތިސް ބެލުމުން ރަށްރަށުގެ ޕްރޮޖެކްޓްތަކުގެ ސްޓޭޓަސް ހުރި ގޮތް މިދުވަސްވަރު ވަރަށް ރަނގަޅަށް ސާފު ވާނެ ކަމަށާއި މެންބަރު ޝަރީފް ކުރެއްވި ސުވާލުގެ ހުރިހާ ޖަވާބެއް އެ ޕްރޮގްރާމުން ދެއްވާފައިވާ ކަމަށެވެ.

މިނިސްޓަރުގެ ޖަވާބު އެ ހިސާބުން ނިންމައިލެއްވުމުން، މަޖިލިސް ރައީސް ވެސް މިނިސްޓަރު އަސްލަމްގެ ވާހަކައަށް ތާއީދު ކުރައްވައި ވާހަކަފުޅު ދެއްކެވިއެވެ.

މަޖިލިސް ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުން ނޫސް، ހަބަރު ކަނުލައި އަޑުއައްސަވަމުން ގެންދެވުމަކި ވަރަށް ބޭނުންތެރިކަމެއް ކަމަށާއި، މިނިސްޓަރު އަސްލަމް ފާހަގަ ކުރެއްވި ގޮތަށް އެމަނިކުފާނުވެސް ދެކެވަޑައިގަންނަވަނީ ހަމަ އެގޮތަށް ކަމަށެވެ.

އެއަށްފަހު މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދަށް ފުރުސަތު ދެއްވިއެވެ.

މެންބަރު އަހުމަދު ރަޝީދުގެ ސުވާލަށް މިނިސްޓަރު އަސްލަމް ޖަވާބު ދެއްވުމުން، ނިޒާމީ މައްސަލަ ނަންގަވައި އަޑުގަދަ ކުރައްވައި މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މަޖިލީހުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ދެއްވަން ވާނެ ކަމަށް ގާނޫނުއަސާސީ އާއި މަޖިލިސް ގަވާއިދުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ޝަރީފްގެ ސުވާލަށް މިނިސްޓަރު އަސްލަމް ޖަވާބު ނުދެއްވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެހިސާބުން ޝަރީފު އިށީންނެވުމަށް މަޖިލިސް ރައީސް ތަކުރާރުކޮށް އަންގަވަން ފެއްޓެވިއެވެ. އަދި ޝަރީފްގެ މައިކު ވެސް ކަނޑުއްވައިލެއްވިއެވެ.

ނަމަވެސް ޝަރީފް އަޑުގަދަކުރައްވައި މަޖިލިސް ރައީސަށް ނިސްބަތް ކުރައްވައި ވިދާޅުވީ، "ރަށްވެހި ފަތިސް ބަލާކަށް ނުޖެހޭ، ނޫސް ތަކުންނެއް ނޫން ޖަވާބު ހޯދަން ޖެހޭނީ މަޖިލީހުގެ ފްލޯގައި ކުރެވޭ ސުވާލަށް ޖަވާބުދޭން ޖެހޭނީ،" ކަމަށެވެ.

ދެން މަޖިލިސް ރައީސް ޝަރީފަށް ވިދާޅުވީ، މެންބަރަށް ފުރުސަތު ލިބިވަޑައިގަންނަވާނީ އެމަނިކުފާނު ފުރުސަތު ދެއްވުމުން ކަމަށެވެ. އެކަމާ ގުޅިގެން ޝަރީފް ވިދާޅުވީ، މަޖިލީހުގެ ރައީސަށް ވެސް އަމަލު ކުރެވޭނީ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ދެން މިނިސްޓަރަށް ދެއްވި ފުރުސަތުގައި ޝަރީފަށް ދެއްްވި ޖަވާބުގައި ރަށްވެހި ފަތިހަށް ރިފާ ކުރިއަސް ޖަވާބު ދެއްވިކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވެ ވާހަކަ ދައްކަވަން ފެއްްޓެވުމުން، އަސްލަމްގެ ވާހަކަ ހުއްޓުވައި، މަޖިލިސް ރައީސް ވިދާޅުވީ، ޝަރީފް ނެންގެވި ނިޒާމީ ނުކުތާ ރިޔާސަތުން ބަލައި ނުގަންނަ ކަމަށާއި މިނިސްޓަރު ޖަވާބު ދެއްވާނީ އެއީ މައްސަލައެއްގެ ގޮތުގައި ބަލައި ގަތުމުން ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

އޭގެ އިރުކޮޅެއްފަހުން މަޖިލިސް ރައީސް ޓެގް ކުރައްވައި މެންބަރު ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަރަދޫ ދާއިރާގެ މެންބަރު އަށް ބުލީ ކުރުމަކީ، އެއްގޮތަކަށްވެސް "އަޅުގަނޑު އިބްރާހިމް ޝަރީފް އަށް ރައްދުވާ ކަމެއް ނޫން، އެއީ މުޅި ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ކުރައްވާ މަލާމާތެއް،" ކަމަށެވެ.