ޚަބަރު

އެފްއެސްއެމް ފައިސާތައް ފޭރިގަތް މައްސަލައިގަ މީހަކު ހައްޔަރު ކޮށްފި

އިބްރާހިމް ޒަކީ

ހުޅުމާލެ ފިއުލް ސަޕްލައި އިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް އިއްޔެ ފޭރިގަތް މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެއްް ކަމަށެވެ.

ފުލުހުން ބުނީ، އެފްއެސްއެމްއިން އިސްލާމިކް ބޭންކަށް ޖަމާކުރަން ގެންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެއް އިއްޔެ ފޭރިގެންފައި ވަނީ އެ ފައިސާތައް ހިފައިގެން ސައިކަލެއްގައި ދިޔަ އެ ތަނުގެ މުވައްޒަފެއްގެ މޫނަށް ދެމީހަކު އައިސް މޫވް ސްޕްރޭ ޖެހުމަށްފަހު ކަމަށެވެ.

ފޭރިގެންފައިވާ ފައިސާ ތަކުގެ ފުރިހަމަ އަަދަދެއް އަދި އެނގިފައިނުވިނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ، ފޭރިގެންފައިވަނީ ދެލައްކައެއްހާ ރުފިޔާ ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ އެތަނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 11:47އެހާކަންހާ އިރު ކަމަށާއި، އެކަން ހިނގީ ހުޅުމާލެ ސެންްޓްރަލްޕާކު ސަރަހައްދުގައި ކަމަށެވެ.

މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި، ރާއްޖޭގައި ފުޅާދާއިރާއެއްގައި މަސް އެކްސްޕޯޓް ކުރާ އެންސިސް ފިޝަރީޒްގެ 2.7 މިލިއަން ރުފިޔާ ވަނީ ފޭރިގެންފައެވެ.

އެފައިސާތައް ފޭރިގަތީ ހުޅުމާލޭ ސެންޓްރޯ މޯލްގައި ހުންނަ މޮރިޝަސް ބޭންކްގެ ބްރާންޗުން ފައިސާ ނަގައިގެން، އެންސިސްގެ މުވައްޒަފުން ވެހިކަލަކަށް އަަރަން އުޅެނިކޮށް ސައިކަލެއްގައި ދިޔަ ބައެކެވެ.